ކުޅިވަރު

އީގަލްސްއިން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި


ޕްރެޒިޑެންޓްސް ކަޕްގައި ކުލަބް އީގަލްސްއިން ފަހަތުން އަރައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބަލިކޮށްފިއެވެ. މިމެޗް ކުލަބް އީގަލްސް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.

މިމެޗަށް ދަ ގްރާންޑޭ ނިކުމެފައިވަނީ ދާދިފަހުން އެޓީމާއި ގުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ފުރަތަމަ 11ގައި ހިމަނައިގެންނެވެ. އަދި ކުލަބް އީގަލްސްއިން ވަނީ އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި އަހުމަދު ރިޒުވާން ފުރަތަމަ 11ގައި ހިމަނާފައެވެ.

މިމެޗްގެ ފެށިގެން ދެ ޓީމްގެ ފަރާތުން ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ކުލަބް އީގަލްސްއިންނެވެ. އީގަލްސްގެ ޢަލީ އަޒުވާން އަބްދުﷲ އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. މެޗްގައި އެންމެ ފުރަތަމަ ގޯލްޖަހައި ލީޑް ނެގީ ދަ ގްރާންޑޭއިންނެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުސްރިފު މޫސާއެވެ. މެޗްގެ ފަހުކޮޅުގައި ދަ ގްރާންޑޭއަށް ލީޑް ފުޅާކުރުމަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޔޫގޯ އާއި އަހުމަދު އަބްދުއްސައްތާރު ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ތޯހާ ވަނީ މަތަކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގެ ކުޅުން ފެށިތާ 4 ވަނަ މިނެޓްގެ ތެރޭގައި ދަ ގްރާންޑޭއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. ދަ ގްރާންޑޭގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ނަޒީހެވެ. ދަ ގްރާންޑޭއިން ދެ ގޯލްގެ ލީޑެއް ނެގުމުން ކުލަބް އީގަލްސްއިން ވަނީ ކުރިއަށް ޖެހިލައިގެން ކުޅެން ފަށާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އީގަލްސްއިން ވަނީ މެޗްގެ 60 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ގޯލެއް ޖަހާފައެވެ. މިލަނޑަށްފަހުވެސް ކުލަބް އީގަލްސްއަށް ލަނޑު ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެޓީމްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލީ ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

މެޗްގައި ނަތީޖާ ހަމަހަމަކުރުމަށް ކުލަބް އީގަލްސްއިން ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 70 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފްއެވެ. މެޗްގައި ކުލަބް އީގަލްސްއިން ފަހަތުން އަރާ މޮޅުވި ލަނޑު އެޓީމަށް ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހުމައިދު ހުސައިންއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމެއް ވަނީ މިހާރު ފަސް މެޗު ކުޅެފައެވެ. އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިޔާއަށް 15 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އީގަލްސް އާއި 5 ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ. 6 ވަނައިގައި އޮތް ޓީސީއަށް 3 ޕޮއިންޓް ލިބިފައިވާއިރު، 7 ވަނައިގައި އޮތް ދަ ގްރާންޑޭ އާއި އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.