ޚަބަރު

މިފްކޯއަށް ދާއިމީކޮށް މަސްކިރުވާ ފަރާތްތަކަށް ހިލޭ އައިސް !


މިފްކޯއަށް ދާއިމީކޮށް މަސްކިރާ ފަރާތްތަކަށް ހިލޭ
އައިސް ދޫކުރަން އެ ކުންފުނިން ނިންމަވައިފިއެވެ.



މިފްކޯއިން ބުނީ، އެގޮތަށް ނިންމީ ކަޅުބިލަ
މަހުގެ މަސްވެރިކަންކުރާ ފަރާތްތައް، މަސްވެރިކަން ދަށް ދުވަސްވަރުވެސް މަހަށް
ފުރުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިފްކޯއަށް ދާއިމީކޮށް
މަސްކިރުވާ ކޮންމެ ދޯންޏަކަށް ހަފްތާއަކު ތިންޓަނު އައިސް ދޫކުރަން އެ ކުންފުނިން
ވަނީ ނިންމާފައެވެ.



ވޭތުވެދިޔަ އަހަރު މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ
ތެރެއިން 250 ޓަނުގެ މަހަށްވުރެ ގިނައިން މަސްކިރުވި ދޯނިފަހަރަށް އެ ކުންފުނިން
ވަނީ "އެންމެ އެކުވެރި މަސްވެރިޔާ" ގެ ނަމުގައި ކާޑެއް ދޫކޮށްފައެވެ. އެ
ކާޑު ބޭނުންކޮށްގެން ކުންފުނީގެ ކޮންމެ ފިހާރައަކުންވެސް ކަނޑައެޅިފައިވާ
އައިޓަމްތަކަކުން ޑިސްކައުންޓް ލިބި، އެހެނިހެން ކަންކަން ހަމަޖެހޭނެ
ކަމަށް އެ ކުންފުނިން ބުނެއެވެ.



މިފްކޯއިން ބުނީ، ވޭތުވެދިޔަ ދެ
އަހަރަކީވެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށް ދެއަހަރު ކަމަށެވެ.  އެގޮތުން ވޭތުވެދިޔަ ފަސްއަހަރު މަހުގެ އަގު
ދަށް ނުވާވަރަށް ދުނިޔޭގެ ބާޒާރުގައި މިހާރު މަހުގެ އަގު ދަށްވެފައިވާ ކަމަށް
އެކުންފުނިން ބުނެއެވެ.



ނަމަވެސް ސަރުކާރުގެ އިރުޝާދާއި އެހީތެރިކަމާއެކު
ދިވެހި މަސްވެރިކަން ދެމެހެއްޓުމަށްޓަކައި މިހާރު މިފްކޯއަށް މަސްގަންނަ އަގަކީ، ސަރުކާރުން
ބޮޑު ހޭދައެއް ކުރައްވައިގެން ހިފަހައްޓާފައިވާ އަގެއްކަން އެ ކުންފުނިން
ފާހަގަކުރެއެވެ.