ކުޅިވަރު

ރެއާލް އިން ފަސޭހަ ކަމާއެކު ވެލެންސިއާ ބަލިކޮށްދި


ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރިމެޗް ރެއާލް ކާމިޔާބުކޮށްފިއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗްއެޓީމް ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ވެލެންސިއާއިންވަނީ ރަނގަޅު ކުޅުމެއް ދައްކާ ރެއާލް އަށް ލަނޑެއް ޖެހުނަ ނުދީ ގިނައިރުތަކެއް ވަންދެން ހިފަހައްޓާލާފައެވެ. މިމެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކަރިމް ބެންޒީމާއެވެ. މިޕެނަލްޓީ ދިން ގޮތާމެދު ވެލެންސިއާއިން ހިތްހަމަ ނުޖެހުން ފާޅުކުރި ނަމަވެސް ރެފްރީގެ ނިންމުމަށް ބަދަލެއް ނާދެއެވެ. އަދި މި ލަނޑަކީ ބެންޒީމާ ރެއާލްއަށް ކާމިޔާބުކޮށްދިން 300 ވަނަ ލަނޑަށެވެ. އަދި މިއާއެކު އޭނާ ވެފައިވަނީ 300 ލަނޑު ރެއާލްގައި ހަމަކުރި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. މިޝަރަފް ރެއާލްގައި މިހާތަނަށް ލިބިފައިވަނީ އަނެއް ތިން ކުޅުންތެރިންނަނީ ކްރިސްޓިއާނޯ ރޮނާލްޑޯ 450 ލަނޑު، ރައުލް ގޮންޒާލޭސް ބްލަންކޯ 323 ލަނޑު އަދި އަލްފްރެޑޯ ޑި ސްޓެފާނޯ 308 ލަނޑެވެ. މިމެޗްގައި ރެއާލްގެ ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހައިދިނީ ވިނީޝިއަސް ޖޫނިއަރއެވެ. އަދި ރެއާލްގެ ތިންވަނަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހައިދިނީވެސް ވިނިޝިއަސްއެވެ. މިމެޗްގައި ވެލެންސިއާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއެއްގެ ރީބައުންޑްގައި ގޮންކާލޯ ގުއެޑޭޒެވެ. އަދި މިމެޗްގައި ރެއާލްގެ ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ބެންޒީމާއެވެ.

މިކާމިޔާބީއާއެކު ރެއާލް މިހާރު އުޅެނީ ކުޅުނު 21 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އަށް ޕޮއިންޓް ލީޑެއްގައެވެ. އަދި ދެވަނައިގާ އުޅޭ ސެވިއްޔާއަށް 19 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. އެހެންކަމުން ދެޓިމުގައި ދެމެދުގައިވާ ފަރަގު ދެޕޮއިންޓަށް ގާތްކުރުމުގެ ފުރުސަތު ސެވިއްޔާއަށް އެބައޮތެވެ. އަދި މިމެޗުން ބަލިވުމުން ވެލެންސިއާ އުޅެނީ 20 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.