ޚަބަރު

ގޯލްޑް 100އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


ކޯޕަރޭޓް މޯލްޑިވްސް "ގޯލްޑް100" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ގޯލްޑް 100 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގައެވެ.

ގޯލްޑް 100އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. މި ލިސްޓަށް ކުންފުނިތައް ހޮވަނީ ޚާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުއެވެ.

މިއަހަރުގެ ގޯލްޑް 100އަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ގޯލްޑް 100އަށް ކުރިމަތިލާ ކުންފުނިތަކުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީއާއި މީރާގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ވާންޖެހޭނެއެވެ. އަދި 2015ވަނަ އަހަރުގެ ޖަނަވަރީ 1ވަނަ ދުވަހުން ފެށިގެން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކަށް ވާންޖެހޭނެއެވެ. އަދި އަހަރެއްގެ އާމްދަނީ 30 މިލިއަން ރުފިޔާއަށް ވުރެ މަތިވާންޖެހޭނެއެވެ.

އެންމެ ފުރަތަމަ "ގޯލްޑް 100"ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017ވަނަ އަހަރުއެވެ. އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.

ގޯލްޑް 100 ގާލާއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ އެންމެ އިސްފަރާތްތައް ބައިވެރިވާ ނެޓްވޯކިންގ އިވެންޓެކެވެ. މި އިވެންޓުގައި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެއެވެ.