ޚަބަރު

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން ގޭގައި 7 ދުވަހުގެ ކަރަންޓީ ފުރިހަމަކުރަންޖެހޭ


މިމަހުގެ 11ވަނަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން 7 (ހަތެއް) ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މިގޮތަށް ކަނޑައަޅާފައިވަނީ ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކަމުގައެވެ.

މިގޮތަށް ހަމަޖެއްސުމުގެ އިތުރަށް އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ކޯވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތު ހިމަނަންޖެހެއެވެ. އަދި ކޯވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަން އިޤުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

7 ދުވަހުގެ ކަރަންޓީނަށްފަހު 8ވަނަ ދުވަހު ހައްދާ ކޯވިޑް-19 ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގަޓިވް ވުމުން ގެއިން ނުކުމެވުނަސް، އިތުރު 7 ދުވަސް ވަންދެން އެމީހެއްގެ ޞިއްޙަތު އަމިއްލައަށް މޮނިޓަރ ކުރަމުން ދާންޖެހޭނެކަމަށެވެ.

މި ފިޔަވަޅުތައް މިގޮތަށް ހުރި ނަމަވެސް، އިންޑިއާއަށް ދަތުރުކުރާ 5 އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށްފަހު 8ވަނަ ދުވަހުގެ ޓެސްޓު ހައްދާކަށް ނުޖެހެއެވެ. ނަމަވެސް އެ ޤައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓު ހައްދައި ކޯވިޑް-19އަށް ޕޮސިޓިވްވާ ފަރާތްތައް، އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި ފިޔަޅުތަކާގުޅިގެން، އިންޑިއާގައި ދިރިއުޅޭ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ދަތުރުކުރަން ޤަޞްދުކުރާ ފަރާތްތައް މިކަމަށް ސަމާލުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.