ކުޅިވަރު

ތައިލެންޑް މުބާރާތުގެ ޑަބަލްސް ބައިން ދީމާ ޗެންޕިއަންކަން ހޯދައިފި


އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެއްވަނަ އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީ ޑަބަލްސް ބައިން ޗެމްޕިއަންކަން ހޯދައިފިއެވެ. ޑަބަލްސްބައިގެ އިތުރުން ދީމާވަނީ އަންހެން ސިންގަލްސްގެ ދެ އުމުރުފުރާއެއްގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ.

ތައިލެންޑްގައި ކުރިއަށްދިޔަ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ޑަބަލްސްބައިގައި ދީމާ ވާދަކޮށްފައިވަނީ ތައިލެންޑްގެ ފެންގްއާއއެކު ޕާޓްނަރޝިޕް ހަދައިގެންނެވެ. ދިމާ އާއި ފެންގް ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ 11-08، 11-09 އަދޮ 11-07 އިންނެވެ. މީގެ އިތުރުން ދީމާވަނީ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ބައިގެ ކުއާޓަރ ފައިނަލްގައި ވާދަކޮށްފައެވެ.

މިދިޔަ މަހު ދީމާ ވަނީ ޕޯޗްގަލްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. ދީމާ ވަނީ ނޮވެމްބަރު މަހު އޮމާންގައި ކުރިއަށްދިޔަ ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ.

ދީމާގެ ކުރިއެރުމަށް ޔޫތު މިނިސްޓްރީއިންނާއި ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އިން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ދީމާ ވަނީ ސްރީލަންކާގައި ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. އަދި މިހާރު ތައިލެންޑްގައިވެސް ދީމާ ދަނީ ތަމްރީންތަކެއް ފުރިހަމަ ކުރަމުންނެވެ.