ކުޅިވަރު

ޓީސީ ބަލިކޮށް ގްރީންއިން ފައިނަލްގެ އުއްމީދު ދަމަހައްޓައިފި


ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ ބަލިކޮށް ގްރީން ސްޓްރީޓްސްއިން މުބާރާތުގެ ފައިނަލްގެ އުއްމީދު ދަމަހައްޓައިފިއެވެ. މިމުބާރާތުގައި ގްރީން ސްޓްރީޓްސް އާއި ޓީސީ ބައްދަލުކުރި މެޗް ގްރީން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި ގްރީން ސްޓްރީޓްސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

މެޗް ފަށައިގެން ގިނަ ހަމަލާތަައް އުފައްދާފައިވަނީ ގްރީން ސްޓްރީޓްސްއިންނެވެ. މެޗްގެ އެންމެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ގްރީންއިންނެވެ. މިލަނޑު ގްރީންއަށް ކާމިޔާބުކޮށްދިނީ މެޗްގައި ހެޓްރިކް ހެދި ހަސަން ނަޒީމް ގާސިމް (ޗޯޓު)އެވެ. މެޗްގައި ގްރީންއިން ލީޑް ނެގުމާއެކު ޓީސީއިންވެސް ވަނީ ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ. އަދި ޓީސީގެ ޒަޔާން ނަސީރަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ 27ވަނަ މިނެޓްގައި ގްރީންގެ ލީޑް ފުޅާކުރުމަށް އަންސަރު އިބްރާހިމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އަންސަރު ފޮނުވާލި ބޯޅަ އަމާޒްވީ ޓީސީގެ ކީޕަރު އިމްއާން އާއި ދިމާލަށެވެ. މެޗްގެ 37ވަނަ މިނެޓްގައި ގްރީންއިންވަނީ އިތުރު ގޯލެއް ޖަގާ އެޓީމްގެ ލީޑް ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަޒީމެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ގްރީން ކުރީގައި އޮވެގެންނެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެފައިވަނީ ގްރީން ސްޓްރީޓްސްއިންނެވެ. ނަމަވެސް ކައުންޓަރ އެޓޭކްގައި ޓީސީއަށްވެސް ލިބޭ ފުރުސަތުތަކުގައި އެޓީމުން ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. އެގޮތުން މެޗްގެ 54ވަނަ މިނެޓްގައި ޓީސީގެ މުޙައްމަދު ދާނިޝް ގްރީންގެ ގޯލާއި ދިމާލަށް ދޮނުވާލި ބޯޅަވަނީ ގްރީންގެ ކީޕަރު ޝިފާދު މަތަކޮށްފައެވެ. މީގެ ކުޑައިރުކޮޅެއްފަހުން ޓީސީގެ ދާނިޝް ވަނީ ލަނޑެއްޖަހާ ޓީސީގެ ފުރަތަމަ ގޯލް ޖަހާފައެވެ. މެޗް އެއްވަރުކުރުމަށް ޓީސީގެ އަޒްމާން އަހުމަދަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އަޒްމާން ފޮނުވާލީ ބާރު ބޯޅަ އަމާޒްވީ ގޯލްގެ ދަނޑިއަށެވެ. މެޗްގެ 86ވަނަ މިނެޓްގައި ގްރީންއިންވަނީ އެޓީމްގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަންސަރުއެވެ. އަދި މެޗްގެ އިތުރުވަގުތުކޮޅުގެ ތެރޭގައި ގްރީންގެ ހަސަން ނަޒީމް ވަނީ އެޓީމުގެ 4ވަނަ ލަނޑު ޖަހާފައެވެ. މެޗްގެ 5ވަނަ ގޯލް ގްރީންއަށް ކާމިޔާބުކޮށްދިނީ އަންސަރެވެ.