ޚަބަރު

ސަސް ބަލިކޮށް ވެލެންސިޔާއިން ފައިނަލާ ގާތަށް


ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް(ސަސް) ބަލިކޮށް ކުލަބް ވެލެންސިޔާއިން މުބާރާތުގެ ފައިނަލާއި ޖާތަށް ޖެހިލައިފިއެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ކުލަބް ވެލެންސިޔާއިން ކާމިޔާބުކޮށްފައިވަނީ 4 ލަނޑު 1 ލަނޑުންނެވެ. މުބާރާތުގެ ފައިނަލްގެ ޖާގަ ލިބެނީ ލީގުބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށެވެ. މިމުބާރާތުގައި ކުލަބް ވެލެންސިޔާއަށް ބާކީ ދެން އޮތީ ދެ މެޗްއެވެ. ފައިނަލްގެ ޖާގައެއް ހޯދުމަށް ވެލެންސިޔާއަށް މިހާރު ބޭނުންވަނީ ދެ މެޗުން އެންމެ ޕޮއިންޓްއެކެވެ.

މެޗް ފަށައިގެން އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ކުލަބް ވެލެންސިޔާއިންނެވެ. އެޓީމްގެ ކެޕްޓަން އަލީ ފާސިރަށް ލިބުނު ބޯޅައިގެ ބޭނުން އޭނާއަށް އެންމެ އެކަށީގެންވާ ގޮތުގައި ހިފިފައެއް ނުވެއެވެ. ފާސިރުއަށް މިލިބުނު ފުރުސަތަށްފަހު، ޕެނަލްޓީ އޭރިޔާގެ ތެރެއިން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބުނެ، ވެލެންސިޔާގެ ކުޅުންތެރިންވަނީ ޕެންލަޓީއަކަށްވެސް އެޕީލްކޮށްފައެވެ. ނަމަވެސް ރެފްރީ ސިނާން ހުސެއިންވަނީ އެއީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ. މެޗްގެ ފުރަތަމަ ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބުނީ ސަސްގެ އައިހަމް އަހުމަދަށެވެ. ނަމަވެސް އައިހަމް ފޮނުވާލި ޕެނަލްޓީވަނީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

މިމެޗް ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ކުލަބް ވެލެންސިޔާއިންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ވެލެންސިޔާއިންވަނީ ލަނޑެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމްއަށްވަނީ ސަސްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސަސްގެ އިބްރާހިމް އަތީގްއަށް ގޯލްއެއް ޖެހުމަށް ވަރަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޭރިޔާގެ ތެރޭގައި ހުހަށް ވަދެގެން ގޮސް އަތީގް ފޮނުވާލި ބޯޅަ މަތަކޮށްފައިވަނީ ވެލެންސިޔާގެ ކީޕަރު ފައިސަލެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއްވެސް ޓީމްއަކަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.

މެޗްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ވެލެންސިޔާއިންނެވެ. މެޗްގެ ދެވަނަ ހާފް ފެށިގެން 6ވަނަ މިނެޓްގައި ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ ބޯހަސްވަނީ އެޓީމްއަށް ލީޑް ނަގާދީފައެވެ. ވެލެންސިޔާއިން ލީޑް ނެގިނަމަވެސް އެޓީމްއަށް ލިޑްގައި މާގިނައިރުވަންދެން އޮވެވޭ ގޮތެއް ނުވިއެވެ. ސަސްގެ އަހުމަދު ހަނީފް (ބެންޗޯ)ވަނީ އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ވެލެންސީޔާގެ ހުސެއިން ފައިސަލް (ފައިޓޯ)، އޭރިޔާގެ ތެރެއިން ބޮބީއަށް ކުރި ފައުލަކާގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ސަސްއިން ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރުނަމަވެސް، މެޗްގައި މޮޅަށް ކުޅެފައިވަނީ ވެލެންސިޔާއިންނެވެ. މެޗްގެ 65ވަނަ މިނެޓްގައި ވެލެންސިޔާގެ އަސްހަދު އަލީވަނީ ލަނޑެއްޖަހާ މެޗްގައި ދެވަނަ ފަހަރަށް ވެލެންސިޔާއަށް ލީޑް ނަގާދީފައެވެ.

މެޗްގައި ވެލެންސިޔާއިން ޖެހި ފަހު ދެ ލަނޑު ޖެހީ މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. އެޓީމްގެ ތިންވަނަ ލަނޑު މެޗްގެ 90ވަނަ މިނެޓްގައި އެޓީމްއަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިސްމާއިލް އީސަ (މެސީ)އެވެ. މެޗް ނިމެން ސިކުންތު ކޮޅަކަށްވެފައިވަނީކޮށް، ވެލެންސިޔާގެ 4ވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާ އަލީ ފާސިރެވެ.