ޚަބަރު

ވިސާއާ ނުލައި ޗައިނާއަށް! 5 އެއްބަސްވުމެއްގައި ސޮއިކޮށްފި


ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމަކާއެކު ދިވެހި ރާއްޖެއާއި ޗައިނާ ސަރުކާރާއެކު 5 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިހާރު ރާއްއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީގެ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ޗައިނާއާއެކު ސޮއެކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ ސިއްހީ ދާއިރާއިން ޗައިނާއާ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެވެ. އެގޮތުން ލޮލުގެ ބަލިތަކަށް ފަރުވާދޭ ޚާއްސަ ކްލިނިކެއް ނުވަތަ ކޭމްޕެއް މިއެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖޭގައި ހިންގާނެއެވެ. މި އެއްބަސްވުމުގައި ފުރަތަމަ ސޮއިކުރީ 2019ވަނަ އަހަރުއެވެ. އޭރު ސޮއެކުރި 2 އަހަރުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ވަނީ ލޮލުގެ ފަރުވާދޭ ޚާއްސަ ކޭމްޕެއް ރާއްޖޭގައި ހިންގާފައެވެ. މިއަދު އަލުން ސޮއިކުރި އެއްބަސްވުމަކީ އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މީގެއިތުރުން އިޤްތިޞާދީ އަދި ފަންނީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައިވެސް މިއަދުވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާ ސަރުކާރުން 968 މިލިއަން އެއްލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ އެކާވީސް ރުފިޔާ ނުވަތަ (62.8 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީ ދިވެހިރާއްޖެއަށް ފޯރުކޮށްދޭނެއެވެ. މި އެހީއަކީ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށް ހޭދަކުރުމަށް ޗައިނާ ސަރުކާރުން ފޯރުކޮށްދެއްވާ އެހީއެކެވެ.

ދެން ސޮއިކުރީ ވިސާއާ ނުލައި ދަތުރުކުރެވޭ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ރައްޔިތުންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރެވޭނެއެވެ. ދިވެހިންނަށް ޗައިނާއަށް ދިޔުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ ކޯވިޑް-19އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުންނެވެ.

އަދި ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތާ ބެހޭ އެއްބަސްވުމެއްގައިވެސް މިއަދު ރާއްޖެއާ ޗައިނާއާދެމެދުވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ސިނަމާލެ ބްރިޖް ދިވެހި ސަރުކާރާ ހަވާލުކުރުމަށްފަހު 2 އަހަރުދުވަހުގެ މުއްދަތަކަށް ބްރިޖްގެ މަރާމާތުގެ މަސައްކަތް ބެލެހެއްޓުމަށް ޗައިނާއާއެކު ކުރިން ވެފައިވާ އެއްބަސްވުން އާކޮށް، އާ އެއްބަސްވުމުގެ ދަށުން މި މަސައްކަތް ޗައިނާއިން އަނެއްކާވެސް ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން ޗައިނާއިން ރާއްޖޭގެ 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައިވެސް ދެޤައުމުން މިއަދު ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ދަށުން ކ.ކާށިދޫ، ޅ.އޮޅުވެލިފުށި، ހއ.ކެލާ، ރ.އަލިފުށި އަދި ގއ.ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓަރ ޑީސެލިނޭޝަން ޕްލާންޓް ޤާއިމްކުރާނެއެވެ. މި މަޝްރޫޢަކީ 199 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ޜާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ދެ ޤައުމުގެ ފޮރިން މިނިސްޓަރުން ވަނީ މިއަދު ރަސްމީ ބަޔާނެއްވެސް ދެއްވާފައެވެ.

ޗައިނާއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުންއަންނަ ޤައުމެކެވެ. އަދި ރާއްޖޭގެ ޢުމްރާނީ އިޤްތިޞާދީ ރައްޤީގައި ޗައިނާގެ ދައުރު ބޮޑެވެ. ރާއްޖެއިން ޗައިނާއާ ޚާރިޖީ ގުޅުން ގާއިމުކުރިތާ މި އަހަރު 50 އަހަރު ފުރޭނެއެވެ. މިއަދު ދެޤައުމުންވަނީ މިކަން ފާހަގަކުރުމަށްޓަކައި ބޭނުންކުރަން ކަނޑައަޅާފައިވާ ޚާއްސަ ލޯގޯ އިފްތިތާހުކޮށްފައެވެ.