ޚަބަރު

މިދިޔަ ނޮވެމްބަރުމަހު ރެންޓަލް އެސިސްޓަންސްގެ ގޮތުގައި 2.8 ބިލިއަން ޑޮލަރު ޚަރަދުކުރި: އެމެރިކާ


އެމެރިކާގައި ކުރިއަށްގެންދާ ރެންޓަލް އެސިސްޓެންސް ޕްރޮގްރާމުގެ ދަށުން ފާއިތުވި ނޮވެމްބަރުމަހު 665،000 ފަރާތަކަށް 2.8 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން އެމެރިކާ ސަރުކާރުން އެޤައުމުގައި އެކުލަވާލާފައިވާ ރެސްކިއު ޕެކޭޖުގެ ތެރޭގައި ހިމެނޭ އެއް ޕްރޮގްރާމަކީ ރެންޓަލް އެސިސްޓެންސްއެވެ. މިއީ ކުލި ނުދެއްކޭ ފަރާތްތަކަށް އެހީވުމުގެ ގޮތުން އެކުލަވާލާފައިވާ ބަޖެޓެކެވެ.

2020 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ ޤަވާޢިދުތަކަށް 2021 ވަނަ އަހަރު ބަދަލުތަކެއް ގެނައެވެ. އެގޮތުން އިޞްލާޙުކުރި ޤަވާއިދުގެދަށުން، ތަނުގެ ވެރިފަރާތަށް ފައިސާ ޖަމާކުރުމުގެ ބަދަލުގައި ސީދާ ކުއްޔަށް ހިފާ ފަރާތަށް ފައިސާ ދޫކުރެވޭގޮތަށް ނިންމައި، ފައިސާ ދޫކުރުމަށް ނަގާ މުއްދަތު، ފަސް ދުވަހަށް ވަނީ ކުރުކޮށްފައެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހާމަކުރާގޮތުން ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ކުއްޔަށްދޭ ތަންތަނުގެ ވެރިފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ އިތުރުން، ދިރިއުޅޭ ތަން ބަދަލުކުރުމުގެ ސަބަބުން މި ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ވަނީ 1.1 ބިލިއަން ޑޮލަރު ދޫކޮށްފައެވެ.

އެމެރިކާ ސަރުކާރުން ހިންގާ ރެންޓަލް އެސިސްޓެންސް ޕްރޮގްރާމުގެ ޤަވާޢިދުގެ ދަށުން ކުލި ނުދައްކައިގެން އެއްވެސް މީހަކު ތަނުން ބޭރުކުރުމަކީ މަނާކަމެކެވެ. މި ޕްރޮގްރާމަށް 2021 ވަނަ އަހަރު ކަނޑައަޅާފައިވަނީ 25ބިލިއަން ޑޮލަރާއި 30ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދެއް ޚަރަދުކުރުމަށެވެ. މި ޢަދަދަށް ފައިސާ ދޫކުރެވިފައިވާކަމަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނެއެވެ.