ޚަބަރު

ބޭރަށްހިންގާ ހޮޑުލެވޭ މީހުންނަށް ޑރ.މުޙައްމަދު ޢަލީގެ ބޭސް ސިޓީއެއް


ބޭރަށް ހިންގުމާއި ހޮޑުލުން މިދުވަސްވަރު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށް މިބަލި ޖެހެމުންދާއިރު ބަލި ފެތުރެމުން އަންނަނީ ސިއްޙީ ދާއިރާގެ ބޭފުޅުންވެސް ކަންބޮޑުވާހާ އަވަސްމިނުގައެވެ. އެހެންކަމުން މިބައްޔާމެދު ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް ޑޮކްޓަރުންގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.

ބޭރަށް ހިންގުމާއި ހޮޑުލުން ގިނަ ބަޔަކަށް ޖެހެމުންދާއިރު ބަލީގެ ޢަލާމަތްތައް ފެނުމުން ޢަމަލުކުރަންވީ ގޮތާއިމެދުވެސް ގިނަ ބަޔަކު ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މިކަމާއި ގުޅޭގޮތުން ޢާއްމުންނަށް މަޢުލޫމާތު ދެއްވާ ކުރެއްވި ޓުވީޓެއްގައި އައިޖީޢެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރ، ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ މިއީ ވައިރަހެއްގެ ސަބަބުން ޖެހެމުންދާ ބައްޔެއްކަމަށާއި ގެއަކަށް މިވައިރަސް ވަދެއްޖެނަމަ އެގެއެއްގެ އެންމެންނަށް ބަލިޖެހޭކަމަށެވެ. ޑރ.މުޙައްމަދު ޢަލީވަނީ ބޭރަށް ހިންގުމާއި ހޮޑުލެވޭނަމަ ބޭނުންކުރަންވީ ބޭސްތަކާއި ސަމާލުކަންދޭންވީ ކަންކަން ބަޔާންކުރައްވާފައެވެ.

ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ހޮޑުލެވޭނަމަ ޑޮމްޕެރަޑޯންގެ 10 މިލިގުރާމްގެ ބޭސް ދުވާލަކު 3 ފަހަރަކު ބޭނުންކުރުމަށެވެ. އަދި މިބޭހާއި ނުގުޅޭ އަދި ބޭސް ބޭނުންކުރުމުގެ ސަބަބުން އިތުރު މައްސަލަ ކުރިމަތިވާ ފަރާތްތަކުން ބޭނުން ނުކުރުމަށްވެސްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިބޭސް ބޭނުންކުރުމަށްފަހު 30 މިނިޓުގެ ތެރޭގައި އަނެއްކާވެސް ހޮޑުލެވިއްޖެނަމަ އިތުރު ބޭސްގުޅައެއް ކެއުމަށްވަނީ އިރުޝާދު ދެއްވާފައެވެ.

ބޭރަށް ހިންގާ ފަރާތްތަކުން ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބޭރަށް ހިންގާ މީހުން އޯރަލް ރީހައިޑްރޭޝަން ތެރަޕީ (އޯއާރްޓީ) ނުވަތަ ލޮނު ޕެކެޓު ބޭނުންކުރުމަށްވެސްވަނީ އިރުޝާދުދެއްވާފައެވެ. އެގޮތުން ލޮނުޕެކެޓު 1 ލީޓަރު ކެއްކި ފެން ފިނިިކުރުމަށްފަހު އެފެނަށް ގިރައިގެން 24 ގަޑިއިރު ތެރޭގައި ބޭނުންކުރުމަށްވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ބޭނުންކުރާ ލޮނު ޕެކެޓު ފެނަށް ގިރުމަށްފަހު 24 ގަޑިއިރަށްވުރެ ގިނައިރުގެ ވެއްޖެނަމަ އެ ބޭނުން ނުކުރުމަށްވަނީ ވިދާޅުވެފައެވެ. އަދި ފާޚާނާއަށް ދެވޭ ކޮންމެ ފަހަރަކު މަދުވެގެން 1 ތަށި އޯއާރްޓީ ބޭނުންކުރުމަށްވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ.މުޙައްމަދު ޢަލީ ވަނީ ބޭރަށް ހިންގާނަމަ ގިނައިން ހަކުރު އަޅާފައި ހުންނަ ލުއި ބުއިންތަކާއި ޑެއިރީ ބާވަތްތައްކަމަށްވާ ރޯ ކިރު، ޔޯގަޓް، ބަޓަރ، ޗީޒް ފަދަ ތަކެތި ބޭނުންކުރުމާއި ދުރުހެލިވުމަށް އިރުޝާދުދެއްވާފައެވެ. އަދި ޑައިބެޓިސް ހުންނަ މީހެއްނަމަ ހަކުރު ހުރި މިންވަރު ގަވާއިދުން ބެލުމަށާއި ލޮނު ޕެކެޓު ފިޔަވާ ގިނައިން ހަކުރު ހުންނަ ފަދަ ބުއިންތަކާއި ބާވަތްތަކުން ދުރުހެލުވުމަށްވަނީ ވިދާޅުވެފައެވެ.

ޑރ. ވަނީ ބޭރަށް ހިނގާނަމަ ޒިންކް ހިމެނޭ ބާވަތްތައް ބޭނުންކުރުމަށް އިރުޝާދުދެއްވާފައެވެ. ސަބަބަކީ ޒިންކްއަކީ ގިނަ ވިޓަމިން އެކުލެވޭ ދިފާޢީ ނިޒާމު ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެހީވެދޭ މިނަރަލްއަކަށްވާތީއެވެ. ޒިންކް ހިމެނޭ ކާނާގެ ބާވަތްތައް ބޭރަށް ހިންގާ ފަރާތްތަކުން ބޭނުންކުރުމަކީ ބައްޔާ ދެކޮޅަށް ކުރެވިދާނެކަމެކެވެ. ޒިންކް ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ބިހާއި އެކި ބާވަތުގެ ބަދަން(ނަޓްސް)އާއި ހޯލް ގްރެއިންގެ ބާވަތްތައް ހިމެނެއެވެ.

މިގޮތަށް ކަންތައް ކުރިނަމަވެސް ބޭރަށް ހިންގުމާއި ހޮޑުލުން ކޮންޓްރޯލްނުވެ ނުވަތަ ރަނގަޅުވާކަމުގެ ނިޝާނެއް ނުފެނި ދިގުލައިގެންދާނަމަ ޑޮކްޓަރަށް ދެއްކުމަށް ޑރ.މުޙައްމަދު ޢަލީ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހަމައެއާއެކު ބޭރަށް ހިންގާއިރު ލޭއައުމާއި ގައިން ފެން މަދުވެ ވަރުބަލިވާ ނަމަވެސް ލަސްނުކޮށް ޑޮކްޓަރެއްގެ އެހީ ހޯދުމަށް ޑރ.މުޙައްމަދު ޢަލީވަނީ ވިދާޅުވެފައެވެ. އަދި ބޭރަށް ހިންގާ ހޮޑުލެވުނުނަމަވެސް އެންޓިބަޔޮޓިކްސް ބޭނުންކުރާނީ އެންމެފަހުން އެއަށް ވަރަށް ބޮޑަށް ބޭނުންޖެހޭ ޙާލަތުގައި އެކަނިކަމަށްވަނީ ވިދާޅުވެފައެވެ. އެންޓިބަޔޮޓިކަކީ ޑޮކްޓަރެއްގެ އިރުޝާދާ ނުލާ އަދި ޑޯޒް ހަމަނުކޮށް ބޭނުން ކުރާނަމަ އޭގެ ފައިދާއަށްވުރެ ބޮޑަށް ގެއްލުން ކުރިމަތިވާ ބޭހެކެވެ. އަދި މިދުވަސްވަރު ވީހާވެސް ގިނައިން ޢާއްމު ސާފުތާހިރުކަމަށް އިސްކަންދީ އަތް ރަނގަޅަށް ދޮވުމަށް ޑރ.މުޙައްމަދު ޢަލީ ވަނީ ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.