ކުޅިވަރު

ގާޑިއޯލާ އާއި ޝޯން ޑައިސް ކޯވިޑަށް ޕޮޒިޓިވް


އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އަދި މިވަގުތ ތާވަލްގެ އެއްވަނައިގާ އުޅޭ މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ބަރންލީގެ ކޯޗް ޝޯން ޑައިސް ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ގާޑިއޯލާ ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ހެދި ޓެސްޓަކުންނެވެ. ގާޑިއޯލާގެ އިތުރުން ސިޓީ ޓީމްގެ 21 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި އެސިސްޓަންޓް ކޯވް ހުއާންމާ ލިޔޯ އާއި ސީނިއަރ ޓީމުގެ ހަތް ކުޅުންތެރިންނާއި 14 ބެކް ރޫމް ސްޓާފުން ހިމެނެއެވެ. ސިޓީއަށް މިމައްސަލަ މިދިމާވީ އެފް އޭ ކަޕްގެ ތިންވަނަ ބުރުގައި މިރޭ ސްވިންޑަން ޓައުން އާއި ރަށުން ބޭރުގައި ބައްދަލުވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. އެހެން ކަމުން މިރޭގެ މެޗްގައި ސިޓީގެ ޓީމުން ގިނަ ބަދަލު ތަކެއް ފެނިގެންދާނެކަމަށް މިހާރުވަނީ ބެލެވިފައެވެ. މިގޮތުން އުމުރުފުރާތަކުގެ ޓީމްތަކުގެ ކުޅުންތެރިން ޓީމުގައި ހިމެނޭނެކަން މިހާރުވަނީ އެކްލަބުން ހާމަކޮށްފައެވެ. އަދި މިރޭގެ މެޗްގައި ސިޓީގެ ބެންޗުގައި އިންނާނީ އެސިސްޓަންޓް ކޯޗް ރޮޑޮލްފޯ ބޮރެލް ކަމަށްވެސް މައުލޫމާތުލިބެއެވެ. އެހެން ނަމަވެސް ހުރިހާ ވަގުތެއްގައިވެސް ބެންޗުން ގާޑިއޯލާ އާއި ގުޅުން ބާއްވާނެކަމަށްވެއެވެ. އަދި މިމެޗް ފަސް ކުރުމުގެ އެއްވެސް ވާހަކައެއް ސިޓީއިން ހާމަކޮށްފައެއް ނުވެއެވެ.

ގާޑިއޯލާގެ އިތުރުން ބަރންލީގެ ކޯޗް ޝޯން ޑައިސްވެސް އަންނަނީ ކޯވިޑަށް ޕޮޒިޓިވް ވުމާގުޅިގެން އެކެހެރިވަމުންނެވެ. މިއާއެމު ޑައިސްއަށް އެފް އޭ ކަޕްގައި ހަޑަސްފީލްޑް އާއި މާދަމާ ރޭ ބައްދަލުކުރާ މެޗްގައި ނުފެންނާނެއެވެ. ނަމަވެސް އެކްލަބްގައި ކޮރޯނާ ވައިރަހުގެ އިތުރު މައްސަލައެއް މިވަގުތު އުޅޭ ކަމަކަށް ހަމަކޮށްފައެއް ނުވެއެވެ. މިދިޔަ މަހު ބަރންލީ ކުޅުމަށް ހަމަޖެހިފައިވި ތިން މެޗެއް ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ފަސްކުރަން ޖެހިފައެވެ.

ޕްރިމިއަރ ލީގުން ހާމަކުރާ ގޮތުގައި މިހަފްތާގައި ކުރި 14 ހާހަށްވުރެ ގިނަ ޓެސްޓް ތަކުން ޕޮޒިޓިވް ވެފައިވަނީ 94 މީހެކެވެ. މިއީ އޭގެ ކުރީ ހަފްތާއަށް ބަލާއިރު 9 މީހުން މަދު އަދަދެކެވެ. އަދި މިއީ ޕޮޒިޓިވްވާ ފަރާތްތައް ޕްރިމިއަރ ލީގުގެ ތެރެއިން މިވީ އަށް ހަފްތާގެ ތެރޭގައި މަދުވި ފުރަތަމަ ފަހަރެވެ.