އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި އޭއެސް ރޯމާ ބައްދަލުކުރިމެޗް މިލާނުން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އުޅޭ އިންޓަރ މިލާނާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ. މިލާންގެ ދަނޑުގައި ކުޅުނު މިމެޗް މިލާނުން ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އޮލިވަރ ޖިރޫއެވެ. މިއީ ރޯމާގެ ފޯވަޑް ޓަމީ އަބްރަހަމްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ދިން ޕެނަލްޓީއެކެވެ. އަދި މިލަނޑު ޖެހިތާ 9 މިނެޓް ފަހުން މިލާނުންވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖޫނިއަރ މެސިއަސްއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމުމުނެ ކުރިން ރޯމާގެ އަބްރަހަމް ޖަހައިދިން ލަނޑާއެކު ދެޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ބަދަލުވެގެންދިޔައެވެ.
ދެވަނަ ހާފްގައި ރޯމާއަށް އިތުރަށް މައްސަލަ ދިމާވީ މެޗްގެ 74 ވަނަ މިނެޓްގައި އެޓީމުގެ ކަނާތު ފަޅިން ފަހަތަށް ކުޅެމުންދިޔަ ރިކް ކާރސްޑޮޕަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދެއްކުމުންނެވެ. އަދި މިކާޑު ދެއްކިތާ 7 މިނެޓްފަހުން މިލާންގެ ރަފައެލް ލިއާއޮ ވަނީ މިލާންގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މިމެޗްގެ އިތުރު ވަގުތުގައި މިލާންގެ ތަޖްރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ވަނީ ރޯމާގެ ކޯޕަރ ރުއި ޕެޓްރީޝިއޯ ދިފާއުކޮށްފައެވެ. އަދި މިޕެނަލްޓީ ލިބުމަށް ރޯމާގެ ޑިފެންޑަރ ޖިއާންލޫކާ މަންޗީނީއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. އެހެން ކަމުން ރޯމާއިން މެޗް ނިންމާލީ ނުވަ ކުޅުންތެރިންނާއެކުއެވެ. މިމެޗްގައި މީގެއިތުރުވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު މިލާނަށް ލިބި ބޭކާރުވިތަން ފެނިގެންދިޔައެވެ.
މިކާމިޔާބީއާއެކު މިލާނަށް މިހާރުވަނީ 20 މެޗުން 45 ޕޮއިންޓް ލިބި ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގާ އުޅޭ އިންޓަރއަށް ލިބިފައިވަނީ 19 މެޗުން 46 ޕޮއިންޓެވެ. އެހެން ކަމުން އިންޓަރ އަށް މިތަފާތު ބޮޑު ކުރުމުގެ ފުރުސަތު އެބައޮތެވެ. އިންޓަރ އާއި ބޮލޯނިއާ ރޭ ބައްދަލުކުރަން އޮތް މެޗްވަނީ ބޮލޯނިއާ ޓީމް ކަރަންޓީން ވާން ޖެހުމާއި ގުޅިގެން ފަސްކޮށްފައެވެ. އަދި ރޯމާ މހާރު އުޅެނީ 20 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.