ކުޅިވަރު

ޔުވެންޓަސް އާއި ނަޕޯލީ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ


އިޓާލިއަން ސެރީއާގައި ޔުވެންޓަސް އާއި ނަޕޯލީ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ނަޕޯލީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑްރައިސް މާޓެންސްއެވެ. މިމެޗްގައި ޔޫވޭއިން އެއްވަރުކުރި ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ ފެޑެރީކޯ ކިއޭޒާއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ.

މިމެޗް އެއްވަރު ވުމުން ތާވަލްގެ ތިންވަނައިގައި އުޅޭ ނަޕޯލީ އާއި ދެވަނައިގައި އުޅޭ އޭސީ މިލާނާއި ދެމެދުގައިވާ ފަރަގު މިހާރު މިވަނީ ފަސް ޕޮއިންޓަށް އިތުރު ވެފައެވެ. ނަޕޯލީއަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. އަދި ޔުވެންޓަސްއަށް މިމެޗް އެއްވަރު ވުމުން މިހާރު އުޅެނީ 35 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. މިހަފްތާގައި ސެރިއާގައި ކުޅެން ހަމަޖެހިފައިވި ހަތަރު މެޗެއް ވަނީ ކޯވިޑް-19 ގެ ސަބަބުން ފަސްކޮށްފައެވެ. މިހަތަރު މެޗްގެ ތެރޭގައި އިންޓަރ މިލާން ރަށުން ބޭރުގައި ބޮލޯނިއާ އާއި ބައްދަލުކުރަން ހަމަޖެހިފައިވި މެޗްވެސް ހިމެނެއެވެ. ނަމަވެސް މިމެޗްގައި އެހެން މެޗްތަކާއި ހިލާފަށް ލީގުން މެޗް ފަސްކުރަން ބެނުން ނުވުމުން އިންޓަރއިންވަނީ ބޮލޯނިއާގެ ސްޓޭޑިއަމަށް ގޮސް ވޯމްއަޕްވެސް ކޮށްފައެވެ. އަދި ރެފްރީން ވަނީ މެޗްގެ އިންތިޒާމްތައް ބަލާ ގޯލް ލައިން ޓެކްނޮލޮޖީ މަސައްކަތް ކުރޭތޯވެސް ބަލާފައެވެ. ނަމަވެސް ބޮލޯނިއާގެ މުޅި ޓީމް އޭރުވެސް ސިއްހީ މާހިރުންގެ އެންގުމުގެ މަތިން ތިބީ އެކަހެރިވެފައެވެ.