ޚަބަރު

އޭޑީކޭގެ ޗެރިޓީ ރަން، "ޓައިނީ ހަރޓްސް"އަށް 339،000 ރުފިޔާގެ އެހީއެއް


އޭޑީކޭގެ 35ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޗެރިޓީ ރަން "ދުވާހިތުން" ހަރަކާތުގައި، ޓައިނީ ހަރޓްސް އޮފް ދި މޯލްޑިވްސް އަށް 3 ލައްކަ 39 ހާސް ރުފިޔާ ހަދިޔާކޮށްފިއެވެ. ޓައިނީ ހަރޓްސްއަކީ، އުފެދުމުގައި ހިތުގެ ބަލިތައް ތަޙައްމަލްކުރާ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔަ 35 ގަޑިއިރުގެ ޗެރިޓީ ރަންގައި 1065 މީހުން ދުވެފައިވެއެވެ. މި ދުވުން ކުރިއަށްގެންދިޔައީ، ދުވާ ކޮންމެ ކިލޯމީޓަރަކަށް ޓައިނީ ހަރޓްސް އޮފް ދި މޯލްޑިވްސްއަށް ޗެރިޓީގެ ގޮތުގައި 35 ރުފިޔާ ލިބޭ ގޮތަށެވެ.

ބުދަ ދުވަހު ހެނދުނު ދުވުން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއެވެ. ފަޒްނާ އަޙުމަދުވަނީ 5 ފަހަރު ދުވެ، 25 ކިލޯމީޓަރުގެ ދުވުން ފުރިހަމަކޮށްފައެވެ. 35 ގަޑިއިރުގެ ދުވުން ނިންމަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ދުވުމުގައި 1065މީހުން ދުވެފައިވާއިރު، ޗެރިޓީގެ ގޮތުގައި ޓައިނީ ހަރޓްސްއަށް 339،785.88 ރުފިޔާ، އޭޑީކޭގެ ފަރާތުންވަނީ ހަދިޔާކޮށްފައެވެ. މި އެހީ އޭޑީގެ ފަރާތުން ހަވާލުކޮށްދެއްވީ އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އަދި ސީއީއޯ އަޙުމަދު ނާޝިދްއެވެ. ޓައިނީ ހަރޓްސްގެ ފަރާތުން އެހީއާ ހަވާލުވީ ފައުންޑަރ އަލީ މުއާޒްއެވެ.

"9700 ކިލޯމީޓަރު އެއީ ވަރަށް ބޮޑު ޑިސްޓެންސްއެއް. ޑުބާއީ މަތިން ސައުދީ އަރަބިޔާ ހުރަސްކޮށް، ރޯމް ހުރަސްކޮށް ޕެރިސް ހުރަސްކޮށް، ލަންޑަން ހުރަސްކޮށް، އެޑިންބަރާ ހުރަސްކޮށް ނޯތް ޕޯލް މި ހުރަސްކުރީ. އެހާ ހިސާބަށް ދުވެވޭވަރުގެ ޑިސްޓެންސްއެއް މި ދުވެވުނީ. މިއީ ވަރަށް ބޮޑު ކޮންޓްރިބިއުޝަންއެއް." އޭޑީކޭ ނާޝިދް ވިދާޅުވިއެވެ.

ދުވުމުގައި އޭޑީކޭގެ މުވައްޒަފުންނާ އެކިއެކި ޖަމިއްޔާތައް އަދި އަމިއްލަ ފަރާތްތަކުންވެސް ބައިވެރިވެފައިވެއެވެ.