ޚަބަރު

ކެންސަރު ބަލީގެ މީހުންނަށް ބޮޑު ލުޔެއް، އޭޑީކޭގައި ޕެޓް ސްކޭން ފަށަނީ


އޭޑީކޭ ހޮސްޕިޓަލަކީ އަމިއްލަ ކުންފުންޏަކުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ހޮސްޕިޓަލެވެ. މީގެ 35 އަހަރު ކުރިން އޭރުގެ އެންމެ ޒަމާނީ ވަސީލަތާއެކު ފެށި ޚިދުމަތް، ފުޅާކުރަމުން އައީ އެ ވަގުތަކަށް އެންމެ އީޖާދީ އާ ޚިދުމަތްތައް ތަޢާރަފްކުރަމުންނެވެ.

މެގްނެޓިކް ރެސޮނަންސް އިމޭޖިންގ(އެމްއާރްއައި)ގެ ޚިދުމަތާ، ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ(ސީޓީ) ސްކޭންގެ ޚިދުމަތްވެސް އެންމެ ފުރަތަމަ ރާއްޖޭގައި ފެށީވެސް އޭޑީކޭއިންނެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ޓެކްނޮލޮޖީގެ އެހީގައި ބަލާލެވޭ، ދުނިޔޭގައިވެސް އެންމެ ކުރިއަރާފައިވާ ވަސީލަތްތަކެވެ. ބަލީގެ އެކި މަރުހަލާތައް ދެނެގަނެވޭ ތަޙުލީލުތަކެވެ. މީގެ ކުރިން މި ޚިދުމަތްތައް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް، އެތައް ހޭދައެއް ކޮށް، ދާންޖެހުނު ޚިދުމަތްތަކެވެ.

އޭޑީކޭގެ ޚިދުމަތުގެ 35އަހަރު، ރާއްޖޭގެ ސިއްޙީ ނިޒާމުވަނީ މުޅިން އާ ހަރުފަތަކަށް ގެންގޮސްދީފައެވެ. އަދި ހުއްޓުމެއް ނެތް، އާ އިޖާދީ ޚިދުމަތްތަކާއެކު ހޮސްޕިޓަލަކީ ދިވެހިންގެ އެތައް ބަޔަކު ސިއްޙީ ޚިދުމަތަށް ބަރޯސާވާ ހޮސްޕިޓަލެކެވެ.

އޭޑީގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޗެރިޓީ ރަން "ދުވާހިތުން" ހަރަކާތުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އޭޑީކޭ ހޮސްޕިޓަލްގެ ޗެއަރމަން އަދި ސީއީއޯ އަޙުމަދު ނާޝިދު ވިދާޅުވީ އޭޑީކޭގެ ހޮސްޕިޓަލް އިމާރާތުގެ ތެރެއިން، މަރާމާތާ އާބާތުރަ ފިލުވުމުގެ އަޑުތައް ނުކެނޑޭނެކަމަށެވެ. އޭޑީކޭ ވާނީ އަބަދުވެސް އެ އިރެއްގެ އެންމެ ޒަމާނީ ޚިދުމަތަކަށް ފައްތާ ހޮސްޕިޓަލަކަށްކަމަށެވެ.

"މި ހޮސްޕިޓަލް ހަދައެއް ނުނިމޭނެ. ބުރުމާގެ ތޮރުފުމުގެ އަޑެއްވެސް ނުކެނޑޭނެ. އެއީ ނިމެން އޮތް ކަމެއް ނޫން. ހޮސްޕިޓަލްގެ މިސްރާބަކީ އަބަދުވެސް އިނޮވޭޓިވް އީޖާދީ ޚިދުމަތްތައް." އޭޑީކޭ ނާޝިދް ވިދާޅުވިއެވެ.

މިއަހަރަށް ޢަމާޒުކޮށްގެންވެސް ހޮސްޕިޓަލުންދަނީ އިތުރު ހަރުފަތެއް ގިރާކުރުމަށް ތައްޔާރުވަމުންނެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފެށި އެމްއާރްއައިގެ ޚިދުމަތް އޭޑީކޭއިން ފެށީ 45 މިނެޓް(.25 ޓެސްލާ) މެޝިންގައި އޮވެގެން ޓެސްޓުހެދޭ މެޝިނަކާއެކުއެވެ. އެއަށްފަހު މީގެ 5އަހަރު ކުރިން ޚިދުމަތް ބަދަލުކުރީ (1.5 ޓެސްލާ) 15މިނެޓުން އެމްއާރްއައި ހެދޭ މެޝިނަކަށެވެ. ނަމަވެސް މި ޚިދުމަތް އިތުރަށް އަވަސްކުރެވޭނެ ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތް އޭޑީކޭއިން މިވަނީ ފަށާފައެވެ.

"(3 ޓެސްލާ) އެމްއާރްއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތް މިވަނީ ފަށާފައި. މި ޚިދުމަތް ކުރިއަށް އޮތް 4މަސްތެރޭގައި ޤާއިމުކުރެވޭނެ. އޭރުން މިހާރު ހަދާ ޓެސްޓުގެ %20 އިތުރުކުރެވޭނެ. މެޝިންގައި ޓެސްޓު ހަދަން އޮންނަން ޖެހޭނީ 5މިނެޓް. ސްޕީޑް އިތުރުވާނެ." ނާޝިދް ވިދާޅުވެއެވެ.

އޭޑީކޭއިން ފެށުމަށް ތައްޔާރުވަމުންދާ އެންމެ މުހިންމު ޚިދުމަތަކީ، ބަލީގެ ކުރީ ކޮޅުގައި ކެންސަރ ބައްޔާ ހިތުގެ ބަލިތައް އަދި ސިކުނޑިއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ "ޕެޓް ސްކޭން"ގެ ޚިދުމަތެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށްދާ %20 މީހުންނަކީ ކެންސަރު ބަލީގެ ފަރުވާއަށްދާ މީހުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ސަރުކާރުންވެސް އައި އާއްމު ރައްޔިތު މީހާގެ އަތުންވެސް ކުރާ ބޮޑު ހޭދައެކެވެ. ކެންސަރު ބަލީގެ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށްދާ ގިނަ މީހުންނަކީ ޕެޓް ސްކޭންގެ ޚިދުމަތް ރާއްޖެއިން ނުލިބުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ މީހުންނެވެ.

ނާޝިދް ވިދާޅުވީ ހާދިސާތަކުގައި ފިހިގެން އަންނަ މީހުންނާ، އަދި ޑައިވިންއަށް ގޮސް ހިނގާ ޙާދިސާތަކުގައި ހާލު ދެރަވާ މީހުންނަށް ދޭ ޑީކޮމްޕްރެޝަންގެ ޚިދުމަތްވެސް އޭޑީކޭ ހޮސްޕިޓަލްގައި ފެށުމަށް ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.