ވިޔަފާރި

ކުއޯނީ ފްރާންސްއާއެކު އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފި


ކުއޯނީ ފްރާންސްއާއެކު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އެއް މަހުގެ މާކެޓިން ކެމްޕެއިނެއް ފަށައިފިއެވެ. މި ކެމްޕެއިން ކުރިއަށް ދާނީ މިމަހުގެ 6ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 6ވަނަ ދުވަހާއި ހަމައަށެވެ.

ކުއޯނީ ފްރާންސް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންސީއެވެ. މި އެޖެންސީއިން ދުނިޔޭގެ 100 އަށްވުރެ ގިނަ މަންޒިލްތައް އިޝްތިހާރުކޮށް، އެ މަންޒިލްތަކުގެ ޕެކޭޖުތައް ވިއްކައެވެ.

އެމްއެމްޕީއާރުސީއާއި ކުއޯނީ ފްރާންސްއިން ކުރިއަށް ގެންދާ މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖެއަކީ ފްރާންސް މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ މައުލޫމާތު ހިމެނޭ އިޝްތިހާރުތަކާއި، ފޮޓޯ، އާޓިކަލް، ނިއުސްލެޓަރ، ކުއޯނީ ފްރާންސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރާނެ ކަމަށެވެ. މީގެއިތުރުން ފްރާންސްގެ އެކި ލޮކޭޝަންތަކުގައި އިޝްތިހާރުތައްވެސް ޖަހާނެއެވެ. މި ކެމްޕެއިންގެ ސަބަބުން ފްރާންސް މާކެޓުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލުކަން އިތުރުވެ، މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

ފްރާންސްއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ 10 ޤައުމުގެތެރޭގައި ހިމެނޭ ޤައުމެކެވެ. މިދިޔަ ޑިސެމްބަރުމަހުގެ 29ގެ ނިޔަލަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ފްރާންސްއަކީ މި މުއްދަތުގައި ރާއްޖެއަށް 9ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން އެޤައުމުން ރާއްޖެއަށްވަނީ 29877 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުުރުމަށް އެމްއެމްޕީއާރުސީން ވަނީ މިއަހަރު މިހާތަނަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވާޗުއަލް އަދި އިން- ޕާސަންކޮށް ބޭއްވި ހަރަކާތްތައް ހިމެނެއެވެ. މީގެތެރޭގައި ރޯޑްޝޯތަކާއި، ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، ފެއަރ އަދި އެގްޒިބިޝަންތަކުގައި ވަނީ ބައިވެރިވެފައެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.