ވިޔަފާރި

އައު ވީ.އައި.ޕީ ޓަރމިނަލް މާދަމައިން ފެށިގެން ބޭނުން ކުރަން ފަށަނީ


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ވީ.އައި.ޕީ ޓަރމިނަލް މާދަމައިން ފެށިގެން ބޭނުން ކުރަން ނިންމާފައިވާކަމަށް އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ.

އައު ވީ.އައި.ޕީ ޓަރމިނަލް ތަރައްޤީކޮށްފައިވަނީ، ހުޅުލޭ ހުޅަނގު ފަރާތުގައި ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމުގައެވެ. މާދަން ހުޅުވުމަށް ހަމަޖެހިފައިވަނީ އައު ވީ.އައި.ޕީ ޓަރމިނަލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައިވާ 4 ބުރީގެ ޢިމާރާތެވެ.

2200 އަކަމީޓަރުގެ ޖާގައިގެ ސަރަޙައްދެއްގައި ތަރައްޤީކޮށްފައިވާ މި އިމާރާތުގައި އެއްފަހަރާއި 95 މީހުނަށް ޚިދުމަތްދެވޭނެކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއްވައެވެ. މިހާރު ބޭނުންކުރަމުންދާ ވީ.އައި.ޕީ ޓަރމިނަލުން އެއްފަހަރާ ޚިދުމަތް ދެވެނީ 65 މީހުންނަށެވެ.

އައު ވީ.އައި.ޕީ ޓަރމިނަލްގެ މަސައްކަތްކޮށްފައިވަނީ، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްކޮށްފައިވާ ޗައިނާގެ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، (ބީ.ޔޫ.ސީ.ޖީ)އިންނެވެ.

އައު ވީ.އައި.ޕީ ޓަރމިނަލް ބޭނުންކުރަން ފެށުމުން، ކުރީގެ ވީ.އައި.ޕީ ލައުންޖު ތަޅާލައި، ވީ.އައި.ޕީ ޓަރމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެމް.އޭ.ސީ.އެލުން މަޢުލޫމާތުދެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމުމުން، އައު ވީ.އައި.ޕީ ޓަރމިނަލްގެ ޖުމްލަ ބޮޑުމިން 6800 އަކަފޫޓަށް އިތުރުވެގެންދާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުންކުރާ ވީ.އައި.ޕީ ލައުންޖަކީ ޖާގައިގެގޮތުން އެހާ ތަނަވަސް ތަނެއްނޫނެވެ. އަދި ރާއްޖެ އަންނަ ބޭރުގެ މުއްސަނދި ފަތުރުވެރިންނާއި، މަޝްހޫރު ސެލެބްރިޓީންނާއި، ޢިއްޒަތްތެރިންނަށް ބޭނުންވާ ޚިދުމަތް އެންމެ ފުރިހަމަގޮތުގައެއް މިލައުންޖުން ނުލިބެއެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ވީ.އައި.ޕީ ޓަރމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަނެކެވެ. އެތަނުން މުއްސަނދި ފަތުރުވެރިން ބޭނުންވާ ޖާގައިގެ އިތުރުން، ވީ.އައި.ޕީގެ / ޚިދުމަތާއި، ވީ.ވީ.އައި.ޕީގެ ޚިދުމަތްތަކަށް ޚާއްސަ ލައުންޖްތައް ހުންނާނެކަމަށް އެމް.އޭ.ސީ.އެލއިން ވިދާޅުވެއެވެ.