ޚަބަރު

"ފާނައިގެ މަސްވެރިކަން މެނޭޖްކުރަން ލަފާދޭ ކޮމިޓީ" އެކުލަވާލުމުގެ މަސައްކަތް ފަށައިފި


ފާނައިގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދުގެދަށުން އެކުލަވާލަންޖެހޭ "ފާނައިގެ މަސްވެރިކަން މެނޭޖްކުރުމަށް ލަފާދޭ ކޮމިޓީ" އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި މިކޮމިޓީ އެކުލަވާލަންޖެހެއެވެ. ފާނައިގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާބެހޭ ގަވާއިދު ގެޒެޓްކޮށްފައިވަނީ މިމަހުގެ 4ވަނަ ދުވަހުއެވެ. ޤަވާއިދު ގެޒެޓް ކުރުމާއެކު މި ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ޤަވާއިދުގައި ބުނެފައިވާގޮތުގެ މިކޮމިޓީއަށް މެންބަރުން ޢައްޔަންކުރައްވާނީ މިނިސްޓަރެވެ. ކޮމެޓީގައި ޖުމްލަ 12 މެންބަރުން ތިބެންޖެހެއެވެ. އެއީ މިނިސްޓްރީގެ ފިޝަރީޒް ޑިޕާޓްމަންޓު ތަމްސީލުކުރާ މަންދޫބަކާއި، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ތަމްސީލު ކުރާ މަންދޫބަކާއި ފާނައިގެ މަސްވެރިން ތަމްސީލުކުރާ 3 މަންދޫބުންނާއި ފާނަ އެކްސްޕޯޓުކުރާ ފަރާތްތައް ތަމްސީލުކުރާ 2 މަންދޫބުންނެވެ.

މީގެއިތުރުން ތިމާވެށްޓާބެހޭ ވުޒާރާ ތަމްސީލުކުރާ މަންދޫބަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ތަމްސީލުކުރާ މަންދޫބަކާއި މިނިސްޓްރީ އޮފް ޓޫރިޒަމްއާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ފުލުހުންނާއި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަމާގުޅޭ ޖަމްޢިއްޔާއެއްގެ އިތުރުން ފާނައިގެ ބާވަތްތަކާއި ފާނައިގެ މަސްވެރިކަން ދިރާސާކުރާ ސައިންސްވެރިއެއްވެސް މި ކޮމިޓީގައި ހިމެނެންޖެހެއެވެ.

މި ކޮމެޓީގެ މައިގަނޑު ޒިންމާއަކީ ފާނައިގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން ތަންފީޒުކުރާ މިންވަރު ބެލުމާއި، ޕްލޭން ތަންފީޛުކުރެވޭ ގޮތުގެ ތަފުސީލު އަހަރަކު އެއްފަހަރު މިނިސްޓަރަށް އެންގުމެވެ. މީގެއިތުރުން ފާނައިގެ މަސްވެރިކަމާގުޅޭ ފަންނީ މަޢުލޫމާތު އެކުލެވޭ ރިޕޯޓުތަކުންނާއި، ކަމާގުޅޭ ފަރާތްތަކާއެކު ބޭއްވޭ މަސައްކަތު ބައްދަލުވުންތަކުންނާއި، މަޝްވަރާ ބައްދަލުވުންތަކުން ނެރެވޭ ނަތީޖާތަކާއި ހުށަހެޅުންތަކާގުޅިގެން އަޅަންޖެހޭ މެނޭޖްކުރުމުގެ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުންވެސް ހިމެނެއެވެ.

ސަރަޙައްދީ ފެންވަރުގައި ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގައި ފާނައިގެ މަސްވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރި މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ޤައުމީ ފެންވަރުގައި ތަންފީޛުކުރުމާ ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަކީވެސް މި ކޮމެޓީގެ ޒިންމާއެކެވެ.