ޚަބަރު

ޒިޔާދާގެ ގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް އިންޑިޔާއަށް


އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ނިޔާވެފައިވާ، ގދ. ތިނަދޫ ޓޭންކް، މަރުޙޫމާ ޒިޔާދާ ނަޢީމް (37އ) ގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.މޯލްޑިވްސް ޕޮލިސް ސާވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ރިޔާޒް ވިދާޅުވީ މަރުޙޫމާ ޒިޔާދާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް މިރޭ 22:15 ގައި މޯލްޑިވިއަންގެ ފްލައިޓަކުން އިންޑިޔާގެ ޓްރިވެންޑްރަމަށް ފޮނުވާލާފައިވާކަމަށެވެ.ޗީފް އެސްޕީ މުޙައްމަދު ރިޔާޒް ވިދާޅުވީ މަރުޙޫމާ ޒިޔާދާގެ ހަށިގަނޑު މާދަމާގެ ވަގުތެއްގައި ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ. އަދި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ނެގުމަށްފަހު ވީއެންމެ އަވަހަކަށް މަރުޙޫމާ ޒިޔާދާގެ ހަށިގަނޑު ރާއްޖެ ގެނެސް ފަސްދާނުލުމަށްޓަކައި ޢާއިލާ އާއި ޙަވާލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުޙައްމަދު ރިޔާޒް ވިދާޅުވިއެވެ.މަރުޙޫމާ ޒިޔާދާގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ ފުލުހުންގެ ތަޙުޤީޤު ޓިމަކާއެކުގައި ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.