ވިޔަފާރި

މަގުމަތީގެ އެކި ތަންތަނުގައި އިޝްތިހާރު ހަރުނުކުރުމަށް އަންގައިފި


އެކި ބޭނުންތަކަށް އިޝްތިހާރުކުރުމަށް ގަސްގަހާއި ހޮޅިދަނޑި ބޭނުންނުކުރުމަށާއި އަދި މަގުމަތީ ފާރުތަކާއި އެއްގަމު ތޮށިގަނޑާއި މަގުތަކުގެ ކަންކަންމަތީގައި ހަރުކޮށްފައިވާ ރޭލިންގްގައި އިޝްތިހާރު ހަރުނުކުރުމަށް ހައުސިންގ މިނިސްޓްރީން އަންގަވައިފިއެވެ.ހައުސިން މިނިސްޓްރީން ވިދާޅުވީ މި ގޮތަށް ނިންމެވީ މާލޭގެ މަގުތައް ސާފްތާހިރުކޮށް ބޭއްވެވުމަށްކަމަށެވެ.  މާލޭގެ މަގުތަކުގައި އެކި ބާވަތުގެ އިޝްތިހާރު ހަރުކުރަމުން ގެންދާނަމަ އެ ފަރާތްތަކާއި މެދު އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގައިވާ ގޮތުގެ މަތީން އަމަލުކުރަމުން ގެންދާނެ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.މިކަމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިނިސްޓްރީން މިގޮތަށް ކަނޑައެޅުއްވީ މިހާރަކަށް އައިސް އެއްވެސް ކަހަލަ ތަރުތީބެއް ނެތި ބައެއް ފަރާތްތަކުން މާލޭގެ މަގުތަކާއި، އާއްމުން އެއްވެ އުޅޭ ސަރަޙައްދުތަކުގައި އިޝްތިހާރު ބޯޑު ހަރުކުރަމުން ދިޔުމުގެ ސަބަބުން މާލެތެރެ ވަރަށް ބޮޑަށް ހަޑިވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމުގެ މަޤުސަދުގައިކަމަށެވެ. މިނިސްޓްރީން ކަނޑައަޅުއްވާ މިންގަނޑުތަކާއި އެއްގޮތަށް މާލޭގެ މަގުތަކުގައި އިޝްތިހާރު ބޯޑު ހަރުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ހަވާލުކުރައްވާފައި ވަނީ ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއާއެވެ. ނަމަވެސް، އެ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރައްވަމުން ނުގެންދަވާކަން ފާހަގަކުރެވިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ، އެ މިނިސްޓްރީއާއި، ވިޔަފާރިވެރިންގެ ޖަމިއްޔާއާއި ދެމެދު ވެވުނު އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރަމުންނުދާތީ، އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބައްލަވަމުން ގެންދަވާކަމަށެވެ. އިޝްތިހާރު ބޯޑު ހަރުކުރެވޭނެ ވަކި މިންގަނޑުތަކެއް މިނިސްޓްރީން ކަނޑައަޅުއްވާފައިވާއިރު، މާލޭގެ މަގުތަކުގައި އިޝްތިހާރު ބޯޑު ހަރުކުރެވޭނީ މިނިސްޓްރީއަށް އެކަން ހުށަހެޅުމުން، މިނިސްޓްރީން ބަލާ ބެލުންތަކަށްފަހު، މާލޭގެ ކަނޑައެޅިފައިވާ ވަކި ސަރަޙައްދުތަކެއްގައެވެ.