ޚަބަރު

ހޮޅުދޫއިން ރައީސަށް ހޫނު މަރުހަބާއެއް


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ނ.ހޮޅުދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫއަށް ވަޑައިގެންނެވުމުން، ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި، އާންމު ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހޮޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއިވެސް ބައްދަލު ކުރައްވާފައެވެ.

އަދި މިއަދު ހަވީރު އެރަށުގައި ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ހޮޅުދުއަކީ އެމަނިކުފާނު ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ވަނީ ލަންދޫ މިސްކިތާއި، ބަނދަރާއި، އަދި މަގޫދޫގައި އަލަށް ޢިމާރާތްކޮށްފައިވާ އިންޖީނުގެ ހުޅުއްވައި ދެއްވާފައެވެ.