ކުޅިވަރު

ސަރބިއާގެ ވިޔަފާރި ވެރިއެއް ސައުތެމްޕްޓަން ގަނެފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ސައުތުހެމްޕްޓަންގެ މައި ހިއްސާ ސަރބިއާގެ ވިޔަފާރިވެރިއަކަށް ނިސްބަތްވާ ކުންފުންޏަކުން ގަނެފިއެވެ. މިކަންވަނީ އިންގްލިޝް ޕްރިމިއަރ ލިގުންވެސް ޔަގީން ކޮށްދީފައެވެ.

ޕްރިމިއަރ ލީގުން ހާމަކުރިގޮތުގައި ސައުތެމްޕްޓަންގެ އަށްޑިހަ އިން ސައްތަ ހިއްސާ އޮންނަ ޗައިނާގެ ވިޔަފާރިވެރިއާ ގައޮ ޖިސް ހެންގ އަތުން އެހިއްސާތައް ސްޕޯޓްސް ރިޕަބްލިކުންވަނީ ގަނެފައެވެ. ސައުތުހެމްޓަންގެ އަށްޑިހަ އިން ސައްތަ ހިއްސާ ގައޮ ގަނެފައިވަނީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. މިކްލަބަކީ އޭގެކުރިން ކެތެރީނާ ލީބްހަރގެ ކްލަބެކެވެ. އޭނާއަށް މި ކްލަބް ލިބުނީ އޭނާގެ ބައްޕަ 2010 ވަނަ އަހަރު މަރުވުމުންނެވެ. ކެތެރީނާ ކްލަބްގެ ހިއްސާގެ ބޮޑު ބައި ވިއްކާލި ނަމަވެސް 20 އިން ސައްތަ އޭނާ އަތުގައި ބައިންދާފައި ހުއްޓެވެ. އަދި މިފަހަރުގެ ވިޔަފާރީގައިވެސް އެވިހި އިން ސައްތަ އޭނާ ވިއްކާފައެއް ނުވެއެވެ. ސްޕޯޓްސް ރިޕަބްލިކަކީ ސަރބިއާގެ ޔުނައިޓެޑް ގްރޫޕް މީޑިއާ ކޮމްޕެނީގެ ޗެއާމަން އަދި ފައުންޑަރ ޑްރަގަން ސޮލަކްއަށް ނިސްބަތްވާ ކުންފުންޏެކެވެ. އަދި ބުނެވޭގޮތުގައި ސްޕޯޓްސް ރިޕަބްލިކަކީ ކުޅިވަރާއި މުނިފޫހިފިލވުމުގެ ދާއިރާގައި އިންވެސްޓް ކުރާ ކުންފުންޏެެކެވެ.

ސައުތުހެމްޓަންގެ ޗީފް އެގްޒެކެޓިވް މާޓިން ސެމެންސް ހާމަކުރިގޮތުގައި މިއީ މިވަގުތަށް ކްލަބަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި މިކްލަބް ގޮވައިގެން ކުރިއަށް ފިޔަވަޅެއް އަޅާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާތާ މިހާރު ދެއަހަރެއްހާ ދުވަސް ވެފައިވާކަމަށެވެ. އަދި މިހާރު ހޯދިފައިވަނީ މިކްލަބްގެ އުސޫލަށް ބަދަލު ނުގެނެސް ކްލަބް ގޮވައިގެން ކުރިއަށް ދެވޭވަރުގެ ކުންފުންޏަކާއެވެ. ސޮލަކް ހާމަކުރިގޮތުގައި އޭނާގެ މުއައްސަސާތަކުގެ ތެރެއިން ސައުތުހެމްޓަން ވާނީ އެންމެ އިސްކަމެއް ދެވިގެންދާނެ ބަޔަށްކަމަށެވެ. އަދި ސައުޓެމްޕްޓަން އަކީ ފާހަގަ ކޮށްލެވޭ މެނޭޖްމަންޓް ޓީމެއް އޮތް، ކުޅުންތެރިން އުފެއްދުމުގައި ފާހަގަ ކޮށްލެވޭ އަދި ހުނަރުވެރި ކުޅުންތެރިން ތަކެއްގެ އިތުރުން ކްލަބަށް ވަފާތެރި ސަޕޯޓަރުންތަކެއް މައްޗަށް އެކުލެވިގެންވާ ކްލަބެކެވެ.