ޚަބަރު

މަގޫދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް


ނ.އަތޮޅު މަގޫދޫ ލަފާ ފުރުމަށް މިހާރު ބޭނުން ކުރަމުންދާ ބަނދަރު ބޮޑުކޮށް، ޖާގަ ތަނަވަސް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނ.އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ ދަތުރުފުޅުގައި އެމަނިކުފާނު މަގޫދޫއަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މަގޫދޫއަށް ކުރައްވާ ދަތުރުފުޅުގައި މަގޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަގޫދޫއަކީ އަސާސީ ގިނަ ކަންތައްތަކެއް ހައްލު ކުރަންވެފައިވާ ރަށެއްކަމަށެވެ.

މަގޫދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، އަސާސީ ހައްގުތައް ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުވެސް މަސައްކަތްތަކެއް ކުުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ ލަފާފުރުމަށް މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ އެންމެ އެކަށީގެންވާ ބަނދަރަކަށް ނުވުމުން، ބަނދަރު ބޮޑުކޮށް ޖާގަ ތަނަވަސް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށެވެ. މީގެ އިތުރުން މަގޫދޫ ސްކޫލުގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތްވެސް މިއަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ..

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަގޫދޫއަށް މީގެ ތިން އަހަރު ކުރިން ވަޑައިގެންނެވިއިރު، ރައްޔިތުން އެދުނު ކަންކަން ހާސިލް ކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން އެރަށުގައި ސަރުކާރުން މިސްކިތެއް ބިނާކޮށްދެއްވާފައި ނެތުމުގެ ޝަކުވާ އަޑުއަހައި އެކަމަށް މިދިޔަ އަހަރު ހައްލު ގެނެސް ދެއްވާފައިވާނެކަމަށެވެ. އަދި މަގޫދޫގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރައްދުގައި ހުރުމުން ދިމާވާ ދަތިތަކަށް ހައްލު ގެނެސް، ޒަމާނީ އިންޖީނުގެއެއް އަޅައި ޚިދުމަތް ދެވެމުންދާކަމީ މިއަދު އުފާ ކުރައްވާ ކަމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މަގޫދޫގެ ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ ކުރިން އަޅާނުލެވި އޮތް އެތައްކަމެއް މިފަދަ ދަތުރުތަކުގެ ތެރެއިން ސާފުވެ، އެކަންކަމަށް ހައްލު ގެނެވިގެންދާކަމީ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.