ޚަބަރު

ސައްހަ ނޫން ފޯމް ހުށަހެޅުން ހުއްޓުވުމުގެ އެންމެބޮޑު ޒިންމާއެއް އޮތީ ޕާޓީތަކުގައި: ފުއާދު


ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ވުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތަކުގެ ޞައްހަކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް އޮތްބަޔަކީ ސިޔާސީ ޕާޓީތައް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމްތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފުއާދު ވިދާޅުވީ، ކޮންމެ ޕާޓީއަކުންވެސް ގިނަ އަދަދެއްގެ ފޯމްތަކެއް ކޮމިޝަނަށް ހުށަހަޅަމުންދާކަމަށާއި، މިހާރުވެސް ކޮމިޝަނަށް ހުށަހަޅާފައިވާ 25،000 ފޯމް ޗެކު ނުކުރެވި ވާކަމަށެވެ.

ކޮމިޝަނުން ފޯމްތައް ޗެކް ކުރަމުންދާއިރު، ހުރިހާ ޕާޓީއަކުންވެސް އެދެނީ އެޕާޓީ އަކުން ހުށަހަޅާ ފޯމްތަކެއް ވީހާވެސް އަވަހަށް ނިންމުންކަމަށެވެ. ފޯމްތައް ޕާޓީތަކުން ހުށަހެޅުމުގައި ޞައްހަ ފޯމު ކޮމިޝަނަށް ހުށަހެޅުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނަނީ ސިޔާސީ ޕާޓީތަކުގައި ކަމަށް ފުއާދު ވިދާޅުވިއެވެ. މެމްބަރަކަށް ވުމަށް ހުށަހަޅާ ފޯމުގައި މެމްބަރަކަށް ވުމަށް އެދޭ މީހާގެ ސޮޔާއި، ދެހެކިވެރިންގެ ސޮއިގެ އިތުރުން އިގިނލީގެ ނިޝާނާއި، ޕާޓީގެެ ފަރާތުން ހަވާލުވާ މީހުންގެ ސޮއިވެސް އޮންނަންޖެހޭއިރު ފޯމުގެ ޞައްހަކަން ބެލުމަކީ އެޕާޓީއެއްގެވެސް ޒިންމާއެއްކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހުށަހެޅުމުން އަޅުގަނޑުމެން ފޯމުގެ ޞައްހަކަން ބެލުމަށް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ކުރަން. ފޯމުގެ ނަމާއި، އެޓޭޗްކުރެވިފައިވާ އައިޑީކާޑުގައިވާ މައުލޫމާތާއި، ސޮއިވެސް ދިމާވޭތޯ އަޅުގަނޑުމެން ބަލަން. ނަމަވެސް މިއަދާ ހަމައަށްވެސް އޮތް ދައްޗަކީ އިނގިލީގެ ނިޝާނުގެ ޞައްހަކަން ދެނެވޭނެ ގޮތެއް ނެތުން. އެހެންކަމުން ސިޔާސީ ޕާޓީތަކުންވެސް މެމްބަރުންގެ ފޯމު ހުށަހެޅުމުގެ ޒިންމާ އަދާކުރަންޖެހޭ." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ފޯމުތަކުގެ ޞައްހަކަން ކަށަވަރު ކުރުމަށްޓަކައި، ކުރެވެން އޮތް އެންމެ މުހިންމު މަސައްކަތަކީ އިނގިލީގެ ނިޝާން ކަށަވަރު ކުރުންކަމަށެވެ. ރާއްޖޭގައި މިހާތަނަށް މިކަން ކުރެވޭނެ އެންމެ ރަނގަޅު ނިޒާމެއް ނެތް ނަމަވެސް އިނގިލީގެ ނިޝާނުން މީހާގެ މައުލޫމާތުގެ ޞައްހަކަން ބެލޭނެ ނިޒާމެއް މިހާރު ސަރުކާރުން ޤާއިމް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. މިއާއެކު އިލެކްޝަންސް ކޮމިޝަނަށްވެސް މިގޮތަށް ހުށަހެޅޭ ފޯމުތަކުގެ ޞައްހަކަން ބެލުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސަށް ޕާޓީތަކުން ހުށަހަޅާ ފޯމުތައް އެންޓަރ ކުރުމުގެ ކުރިން ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހުވެސް ބައެއް ފޯމުތަކުގައި މައްސަލަތަކެއް ހުރުމަކީ ދިމާވެދާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އެގޮތަށް މައްސަލައެއް ދިމާވެއްޖެނަމަ، އެބޭފުޅަކަށް އެކަމުގައި ކަމާއިބެހޭ ފަރާތްތަކަށް ގޮސް މިކަން ބެލުމުގެ ފުރުސަތު ލިބިދީފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު މިހާރު ސިޔާސީ ޕާޓީތަކަށް ވަނުމަށް ފޯމު ހުށަހަޅަން ޖެހެނީ އެޕާޓީއަކުންނެވެ. އަދި ޕާޓީއަކުން މީހަކު ވަކިވާނަމަ އެކަންވެސް ކުރެވެނީ ސިޔާސީ ޕާޓީއެއް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެންނެވެ.