ފ. ފީއަލިން މާލެ ދަތުރުކުރަނިކޮށް އަޑިއަށް ގޮސް ގެއްލުނު ދޯނިން ދަތުރުކުރި 2 ބިދޭސީން ފެނިއްޖެއެވެ.
ހޯމަދުވަހުގެރޭ ފެތުނު "އަލަމާ 5" ދޯނި ގެއްލިގެން ހޯދާތާ މިހާރު މިވަނީ 35 ގަޑިއަރަށްވުރެ ގިނަ އިރުވެފައެވެ. ވ. ފުއްސަރު ފަޅާ ދިމާލު 4 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ދޯނި ގެއްލުނީ މޫސުން ގޯސްވެ ކަނޑުގަދަވުމާއި ގުޅިގެން ދޯނި ދިޔަވެ އަޑިއަށް ދިޔުމުންނެވެ.
މި ދޯނި ގެއްލުނީ 3 މީހުންނާއި އެކުއެވެ. އޭގެތެރޭގައި ހިމެނެނީ ދޯނީގައި ހުރި ދިވެހި ކައްޕި އުމުރުން 32 އަހަރުގެ އަހްމަދު ޝަފީގާއި ދޯނީގެ ދެ ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ދެ ރައްޔިތުންނެވެ.
މި 3 މީހުންގެ ތެރެއިން ބަންގްލަދޭޝް ދެ މީހުންވަނީ ރޭގެ ވަގުތެއްގައި ފެނިފައެވެ. މި ދެމީހުން ކަނޑުމަތިން ފެނުނު އިރު އެމީހުން ތިބީ ދޯނީގައި ބޭނުންކުރި ހަންތަކެއް އައްސައިގެންނެވެ. އަދި މި މީހުން ފެނުނީ މީގެތެރެއިން އެކެއްގެ ފޯނު ސަލާމަތުން އޮތުމުން ރޭންޖް ލިބޭ ހިސާބަކަށް ދެވުމުން ފޯނަށް ގުޅޭތީއެވެ. މިއަދު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓްކައިރިން ކޯސްޓް މި ދެމީހުން ކޯސްޓްގާޑްގެ ސީއެމްބިއުލާންސަށް ނަގާފައިވާކަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާގައި ގެއްލުނު ދިވެހި ކައްޕީގެ އެއްވެސް ހަބަރެއް އަދި ނުވެއެވެ. މި މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން އަދިވެސް އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގައި ކޯސްޓްގާޑް ޝިޕް ހުރަވީއާއި ފުލުހުންނާއި ދޯނީގެ ވެރިފަރާތުގެ އިތުރުން ޓީއެމްއޭގެ 10 ސީޕްލޭނާއި ފްލައިމީގެ މަތިންދާ ބޯޓެއްވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އެމްއެންޑީއެފުން ބުނީ މި ދޯނި އަޑިޔަށްދާކަމުގެ ރިޕޯޓް ލިބުނީ ހޯމަދުވަހުގެރޭ 22:32 ހާއިރު ކަމަށެވެ. އަދި އެވަގުން ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ފެށިކަމަށެވެ. މި ދޯނިން އޮޔާ ދިޔަކަމަށް ބެލެވޭ ބައެއް ތަކެތި އިއްޔެ މެންދުރުގެ ވަގުތެއްގައި ވަނީ ކަނޑުމަތިން ފެނިފައެވެ. އޭގެތެރޭގައި ދޯނީގައި އައިސް އަޅާން ބޭނުންކުރަމުން ދިޔަ އައިސް ބޮކްސްތައް ހިމެނެއެވެ.