ތަރައްްޤީ

މާލޭގެ ބޯހިޔާވަހިކަން ހައްލުކުރަން ތޮއްޖެހުން ކުޑަކުރަންޖެހޭ: ރައީސް


މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވެން އޮތީ، މާލޭ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއްގޮންޖެހުމަކީ ތޮއްޖެހުން އިތުރުވެގެންދިއުންކަމަށެވެ.

ރައީސް ވިދާޅުވީ، މާލޭ ސަރަޙައްދުގައި ހަމައެކަނި ފްލެޓް އެޅުމާއި، ގޯތި ދޫކޮށްގެން، ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުނުކުރެވޭނެކަމަށެވެ. މިކަން ހައްލުކުރުމަށްޓަކާ މާލޭ ސަރަޙައްދަށް މީހުން އިތުރަށް ޖަމާވިޔަނުދިނުމަށްޓަކާ މަސައްކަތް ކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރެވެންއޮތީ، މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މުޅި ރާއްޖެގުޅާލާ، ރަށްރަށަށް ބޭނުންވާ ޚިދުމަތްތަކާއި ވަޞީލަތްތައް ޤާއިމުކޮށްދީގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލޭ ސަރަޙައްދަށް މީހުން އިތުރަށް ޖަމާވިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން އެބަކުރަންޖެހޭ. އެކަމަށް މަސައްކަތްކުރެވޭނީވެސް ލާމަރުކަޒީ ނިޒާމުން މުޅި ރާއްޖެ ގުޅާލެވިގެން" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ ތަރައްޤީގެ ޕްލޭން ބިނާވެފައިވާނީ ލާމަރުކަޒީ ނިޒާމުން މުޅި ރާއްޖެގުޅާލުމަށް ކަމަށެވެ. އަދި އެބަޔަކު ދިރިއުޅޭ ހިސާބުން، ޞިއްޙަތާއި، ތަޢުލީމާއި، އަދި ފެނާއި ނަރުދަމާފަދަ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދީގެން މެނުވީ، ރައްޔިތުންނަށް ހަޤީޤި ތަރައްޤީއާއި ކުރިއެރުން ހޯދައިނުދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.