ޚަބަރު

ލަންދޫ ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިިފި


ލަންދޫ ބަނދަރުގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.

އުތުރުގެ ރަށްތަކުގެ ތެރެއިން ނ.ލަންދުއަކީ މަސްވެރިކަމުގެ މަސައްކަތްތަކުގައި ހަރަކާތްތެރި ރަށެކެވެ. މަސްވެރިކަން ތިޔާގި ދުވަސްވަރު އެރަށުގެ ބަނދަރު އޮންނަނީ މަސް އޮޑި ދޯނިފަހަރުން ފުރިފައެވެ.

މިއީ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމަށްވެސް އޮތް އެންމެ ބޮޑު ސަބަބެވެ. ލަންދޫގައި ބޭނުންކުރަމުން އައި 300ފޫޓުގެ ބަނދަރު ތަރައްޤީކުރީ 2008ވަނަ އަހަރުއެވެ. ނަމަވެސް ބަނދަރު ބާވުމާއި، އަދި ދުވަސްވެ ބަނދަރު ތިލަވުމުގެ މައްސަލަވެސް އެރަށަށް ވަރަށް ބޮޑަށް ކުރިމަތިވިއެވެ.

ބަނދަރުގެ ޖާގަ އިތުރުކޮށް، ލަންދޫގެ ލަފާފުރުމުގެ މައްސަލަ ޙައްލުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ. މި ވަޢުދުގެ ދަށުން އެރަށު ބަނދަރުގެ މަސައްކަތް ފެށީ 2019ވަނަ އަހަރު ޑިސެމްބަރު މަހުއެވެ.

ލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ލަންދޫގެ ބަނދަރަށް 227 މީޓަރުގެ އެއްގަމު ތޮއްޓެއް ވަނީ އިތުރުކޮށްފައެވެ. އަދި 387 މީޓަރުގެ ބޭރު ތޮއްޓެއް ލައި، 73 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހައި، 80މީޓަރުގެ ސަރަޙައްދުގައި ގްރޮއިންސް ޖަހާފައިވެއެވެ.

މީގެއިތުރުން ޕޭމަންޓް ހެދުމާއި، ބަނދަރު ބައްތި ޖެހުމާއި ރޭމްޕް ހެދުމުގެ މަސައްކަތްވަނީ ކޮށްފައެވެ.

ރައީސްގެ ވަޢުދާ އެއްގޮތަށް ބަނދަރުގެ މަސައްކަތް ނިންމައި މިހާރު މިވަނީ އާއްމުންނަށް ބަނދަރު ބޭނުންކުރަން ހުޅުވާލާފައެވެ. ލަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ބަނދަރުގެ މަސައްކަތް ނިމުން ފާހަގަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ލަންދޫގެ ބަނދަރުގެ މަސައްކަތަށް ސަރުކާރުން 35.60މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.