ވިޔަފާރި

މިމަހުގެ 7ގެ ފަހުން ތެޔޮ ކޮންޓްރޯލްކުރުމަށް ލުޔެއް


ޕެޓްރޯލް ވިއްކުމުގައި މިހާރު ގެންގުޅޭ ކޮންޓްރޯލްކުރުމަށް، މިމަހުގެ 7ވަނަ ދުވަހުގެ ފަހުން ލުޔެއްދެވޭނެކަމަށް ލަފާކުރެވޭކަމަށް އެފްއެސްއެމްއިން ހާމަކޮށްފިއެވެ.

ރާއްޖެއަށް ތެޔޮ އެތެރެކޮށް ވިއްކާ އަމިއްލަ ބައެއް ކުންފުނިތަކުން ޕެޓްރޯލް ހުސްވުމާ ގުޅިގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ފެޓްރޯލް ގަންނަ ފަރާތްތަށް އިތުރުވެފައިވުމުން އެކުންފުނިންވަނީ ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވީ ޑިސެމްބަރުމަހުން ފެށިގެން އެކުންފުނިން ވިއްކާ ފެޓްރޯލަށް އޮންނަ ޑިމާންޑު ވަރަށްބޮޑަށް އުފުލިފައިވާކަމަށެވެ.

"ޑިސެމްބަރުމަހު ކުންފުނިން އަންދާޒާ ކުރި މިންވަރަށްވުރެ %41 އިތުރަށް ފެޓްރޯލް އެބަހުރި ވިކިފައި. ފެޓްރޯލް ރާއްޖެއަށް އެތެރެކުރަނީ ވިއްކޭނެކަމަށް އަންދާޒާކުރެވޭ މިންވަރަށް ބިނާކޮށް، އާދަޔާ ހިލާފަށް އިތުރަށް ފެޓްރޯލް ވިއްކެމުންދާތީ، ކޮންޓްރޯލް މިކުރީ." ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ ރާއްޖެއަށް ދަތި ނުވާވަރަށް އެކުންފުނީގައި ތެޔޮ އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ކުއްލިއަކަށް އެހާ ގިނަ ޢަދަދެއްގެ ބަޔަކު އެކުންފުނިން ތެޔޮ ގަންނަމުން ދިޔުމުގެ ސަބަބުން ކޮންޓްރޯލްކުރުމެއް ގެންގުޅެން ޖެހުނީ ކަމަށް ގަސަމް ވިދާޅުވިއެވެ. ގަސަމް ފާހަގަކުރެއްވިގޮތުގައި އެކުންފުނިން ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކަމުންދަނީ އެކުންފުނިން ހޯލްސޭލްކޮށް ތެޔޮ ގަންނަ ފަރާތްތަކަށް ކަމަށެވެ.

އެފްއެސްއެމްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ. އެކުންފުނިން އަންނަނީ މީހުން ދިރިއުޅޭ %97 ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.