ކުޅިވަރު

އެންބާޕޭގެ ހެޓްރިކާއެކު ވާންޒްގެ މައްޗަށް ޕީއެސްޖީ ކުރި ހޯދައިފި


ފްރެންޗް ކަޕްގައި ޕެރިސް ސެއިންޓް ޖަރމެއިން އާއި ވާންޒް ބައްދަލުކުރިމެޗް ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ. ވާންޒްގެ ދަނޑުގައި ކުޅުނު މިމެޗް ޕީއެސްޖީ ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.

ފްރެންޗް ކަޕްގެ ރައުންޑް އޮފް 32ގެ ބުރުގެ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕީއެސްޖީއެވެ. މިމެޗްގައި ޕީއެސްޖީއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 28 ވަނަ މިނެޓްގައި ޖަހައިދިނީ ޕްރެސްނެލް ކިމްޕެންބޭއެވެ. އަދި އެޓީމްގެ ފަހު ތިން ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކޮށް ކިލިއަން އެމްބާޕޭވަނީ މިމެޗްގައި ހެޓްރިކެއް ހަދާފައެވެ. މިގޮތުން އެމްބާޕޭ އޭނާގެ ފުރަތަމަލަނޑު މެޗްގެ 59 ވަނަ މިނެޓްގަިއ ޖަހައިދިން އިރު ފަހު ދެލަނޑު ޖަހާފައިވަނީ މެޗްގެ 71 ވަނަ މިނެޓާއި 76 ވަނަ މިނެޓްގައެވެ. މިހެޓްރިކާއެކު އެމްބާޕޭ މިހާރުމިވަނީ އޭނާ ޕީއެސްޖީއަށް ކުޅެދިން 196 މެޗްގައި 150 ލަނޑު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީއިންވަނީ އެންމެފަހުން ބޭއްވި ފްރެންޗް ކަޕްގެ ހަތް މުބާރާތުގެ ތެރެއިން ހަ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި 2015 ގެ ފަހުން މިހާތަނަށް ބޭއްވި ފްރެންޗް ކަޕްގެ ހުރިހާ މުބާރާތެއްގެ ފައިނަލްގައި ޕީއެސްޖީ ވާދަކޮށްފައިވެއެވެ.