ޚަބަރު

"ޤައުމުގެ ކުރިމަގަށް ކުރެވޭ އެންމެބޮޑު ހޭދައަކީ، އެކި ދާއިރާތަކުން މީހުން ބިނާކުރުން"


ރާއްޖޭގެ ކުރިމަގަށްޓަކައި ދިވެހި ސަރުކާރުން ކުރައްވަމުންދާ އެންމެބޮޑު ހޭދައަކީ، އެކި ދާއިރާތަކުން ތަޢުލީމީ ޤާބިލް ޒުވާނުން ބިނާކުރުން ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިސްމަޢީލް ޒަބީހު ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކައުންޓިން ދާއިރާއިން މީހުން ބިނާކުރުމަށް ޗަރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.

އެކި ދާއިރާތަކުން ތަޢުލީމީ ޒުވާނުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒަބީހު ވިދާޅުވީ، އެކައުންޓިން ދާއިރާއަކީ ރާއްޖޭގައި މަގުބޫލުކަން ބޮޑު ދައިރާއެއްކަމަށެވެ. ނަމަވެސް މީގެ ކުރިން ނެތީ އެދާއިރާއިން ކުރިއަށްދާން ބޭނުންވާ ތައުލީމީ ފުރުސަތު ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން އެފުރުސަތު ފަހިކޮށްދެއްވައި ޗަރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަކީ އެކައުންޓިން ދައިރާއަށް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.

އަމާޒަކީ މިދެއަހަރުގެ ތެރޭގައި 150 ޕްރޮފެޝަނަލް ޗަރޓަރޑް އެކައުންޓެންޓުން ތަމްރީން ކުރުންކަަމަށް ޒަބީހު ވިދާޅުވިއެވެ. ސަރުކާރުން އެންމެބޮޑު އިސްކަމެއްދޭ އެއް ކަމަކީ ޤައުމުގެ ކުރިމަގު ބިނާކުރުމަށް ތަޢުލީމީ ޒުވާނުން ބިނާކުރުން ކަމަށާ، އެކި ދާއިރާތަކުން ތައުލީމީ ފުރުސަތު ފަހިކޮށް، މީހުން ބިނާ ކުރުމަކީ މިސަރުކާރުން އެންމެ އިސްކަންދެއްވާ އެއް މަސައްކަތް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދަނީ އެކި ދާއިރާތަކުން މީހުން ތަމްރީން ކުރަމުން. މީހުން ބިނާކުރުމަކީ ސަރުކާރުން ޤައުމުގެ ތަރައްޤީއަށް ކުރަމުންދާ އެންމެބޮޑު އެއް މަސައްކަތް. ޗަރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް މިހުޅުވާލި ފުރުތުގައި 150 ބޭފުޅަކު މިދާއިރާއިން ތަމްރީންގެ ޤައުމަށް ޚިދުމަތްކުރާނެ. މިއީ އަޅުގަނޑުމެންގެ އަމާޒަކީ" ޒަބީހު ވިދާޅުވިއެވެ.

މިޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ސީއޭ މޯލްޑިވްސްގެ ކައުންސިލް މެމްބަރު އަދި އެކަޑަމިކް ކޮމިޓީގެ ޗެއާމަން މުޙައްމަދު ޙަލީމް ވިދާޅުވީ މިފުރުސަތަކީ ރާއްޖޭގައި އެކައުންޓެންޓުން ބިނާ ކުރުމަށް ސަރުކާރުން ހުޅުވާލި ވަރަށް ތަނަވަސް ފުރުސަތެއްކަމަށެވެ. މިހާރުވެސް ރާއްޖޭގައި 4،500އަށްވުރެ ގިނަ ބިދޭސީން އެކައުންޓިން އަދި ފައިނޭންސިންގެ ދާއިރާގައި މަސައްކަތް ކުރަމުންދާއިރު، މިހުޅުވާލެވޭ ފުރުސަތުގެ ސަބަބުން އެމަޤާމުތަކަށް ދިވެހިންނަށް އޮތް ފުރުސަތު މުސްތަގުބަލުގައި ބޮޑުވެގެންދާނެކަމަށެވެ.

ޤައުމެއްގެ އިޤްތިޞާދު ރަނގަޅު މިސްރާބަކަށް ގެންދިއުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ބަޔަކީ އެކައުންޓިން ދާއިރާގެ ބޭފުޅުންނެވެ. ސަރުކާރުން މިފެށި މަސައްކަތަކީ މިކަމުން ސަރުކާރަށްވެސް އަދި ޕްރައިވެޓް ސެކްޓަރވެސް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމެއްކަމަށް ޙަލީމް ވިދާޅުވިއެވެ.

"ފައިނޭންސް ދާއިރާ ރަނގަޅަށް ދަންނަ، ޕްރޮފެޝަނަލް ފަރާތްތަކަށް ގިނަ ޢަދަދަކަށް އެޤައުމެއްގައި ހަރަކާތްތެރިވާ ކަމަށް ވަންޏާ، ދެވޭ އެޑްވައިޒްތަކާއި، ނެގޭ ޑިޒިޝަންތަކަކީ ހަރުދަނާ ރަނގަޅު ނިންމުންތަކަށް ވެގެންދާނެ. ޤައުމެއްގައި ފައިނޭންސް ދާއިރާގެ މީހުންގެ ދައުރަކީ ވަރަށް ބޮޑު ދައުރެއް. އިޤްތިޞާދު ރަނގަޅަށް ކުރިއަރައިދާނީ އެޤައުމެއްގެ ރައްޔިތުންނަށް ދެވޭ ތަޢުލީމާއި ތަމްރީނުގެ މައްޗަށް." ޙަލީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޕްރޮފެޝަނަލް ޗަރޓަރޑް އެކައުންޓެންޓުން ތަމްރީން ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ސްކޮލަޝިޕްގައި 2 ދާއިރާއަކުން މީހުން ތަމްރީން ކުރާނެއެވެ.

އެއީ އެސޯސިއޭޝަން އޮފް ޗަރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އާއި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީ.އައި.އެމް.އޭ)އެވެ. މިސްކޮލަރޝިޕްގެ 50 ފުރުސަތު ޚާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓަރއަށް ކަމަށާއި ބާކީ 100 ފުރުސަތު ހުޅުވާލެވިފައި ވަނީ ޕްރައިވެޓް ސެކްޓަރއަށް ކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.