ޚަބަރު

މާލޭގެ ޢަދަދުތައް އުފުލި، އިތުރު 242 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 242 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 96،000 އިން މަތީގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 242 މީހުންގެ ތެރެއިން 78 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 97 މީހުންނެވެ. މިއީ މިފަހަކަށް އައިސް މާލެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އަދި ރިސޯޓްތަކުން 66 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސަފާރީއަކުން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 2،609 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 12 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 96 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 93،410 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،740 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 262 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.