ޚަބަރު

މުއްދަތު ހަމަވާއިރުވެސް އިންތިޚާބަށް ކުރިމަތިނުލާތީ، އިލެކްޝަންގެ ކަންބޮޑުވުން


ހުސްވެފައިވާ ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާއިރުވެސް އެއްވެސް ކެނޑިޑޭޓަކު ކުރިމަތިނުލާތީ، އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އަންނަ މަހުގެ 5ވަނަ ދުވަހު ބޭއްވުމަށް އިއުލާނު ކޮށްފައިވާ ހއ.ތަކަންދޫ, ތ.ވިލިފުށި, ގއ.ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނަށް މިއަދާ ހަމައަށް އެއްވެސް ކެނޑިޑޭޓަކު ކުރިމަތި ލައްވާފައިނުވާކަމަށެވެ.

މި ދާއިރާތަކުގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ބުދަ ދުވަހަށް ހަމަވާނެ ކަމަށާ، މިމުއްދަތުގެ ކުރިން މިއިންތިޚާބުތަކަށް ކުރިމަތި ލައްވަން އެދޭ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ހަބީބު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއއެކު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުތަކުގައި އެރަށްތަކުގެ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސްވެސް ވަނީ ވިދާޅުވެފައެވެ.