ޚަބަރު

މިދިޔަ އަހަރު އޭޖީން 900އަށްވުރެ ގިނަ ޤާނޫނީ ލަފާ


ނިމިިދިޔަ އަހަރުގެ ނިޔަލަށް އެޓަރނީ ޖެނަރަލް އޮފީހުން 900އަށްވުރެ ގިނަ މައްސަލާގައި ޤާނޫނީ ލަފާ ދީފައިވާކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ. މިއާއެކު ކޮމިޝަނަށް ހުށަހެޅުނު %96 މައްސަލައިގެ ޤާނޫނީ ލަފާވަނީ ދީފައެވެ.

އެޓާނީ ޖެނެރަލް އޮފީހުންވަނީ މިދިޔަ އަހަރު އެއޮފީހުން އެކި އިދާރާތަކަށް ދީފައިވާ ޤާނޫނީ ލަފާގެ ތަފްސީލް ހާމަކުރައްވާފައެވެ.

2021ވަނަ އަހަރު ދައުލަތުގެ މުއައްސަސާތަކުން ޤާނޫނީ ލަފައަށް އެދި ފޮނުވާފައިވާ 960 މައްސަލައިގެ ތެރެއިން 921 މައްސަލައަކަށް އެ އަހަރު ތެރޭގައި ވަނީ ޤާނޫނީ ލަފާ ދެއްވާފައެވެ. އަދި 2020ވަނަ އަހަރު ނިމުނުއިރު ލަފާ ނުދެވިހުރި ކަންކަމާއި އޭޖީ އޮފީހުން އިސްނެގުމުގައި އެކުލަވާލައި ފޮނުއްވި ގަވާއިދެއް ހިމެނޭގޮތުން، މުޅި ޖުމްލަ 983 މައްސަލައަކަށް މިދިޔަ އަހަރުވަނީ ޤާނޫނީ ލަފާ ދެއްވާފައެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުން ދެއްވި ޤާނޫނީ ލަފާގެ ތަފާސްހިސާބު

  • ބިލު ތަޞްދީގު ކުރުމާ ގުޅޭ ގޮތުން ދެެއވި ލަފާ 33
  • އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭގޮތުން ދެއްވި ލަފާ 278
  • ޤަވާއިދުތަކާ ގުޅޭގޮތުން ދެއްވި ލަފާ 180
  • އުޞޫލުތަކާ ގުޅޭގޮތުން ދެއްވި ލަފާ 34
  • މުޢާހަދާތަކާ ގުޅޭގޮތުން ދެއްވި ލަފާ 5
  • އެހެނިހެން ކަންކަމާ ގުޅޭގޮތުން ދެއްވިލަފާ 453

މިދިޔަ އަހަރު އެންމެ ގިނައިން ޤާނޫނީ ލަފާ ދެވުނު އިދާރާއަކީ ފިނޭންސް މިނިސްޓްރީއެވެ. އެމިނިސްޓްރީއަށް 231 ކަމަކާ ގުޅޭ ގޮތުން ވަނީ ޤާނޫނީ ލަފާދެއްވާފައެވެ. މިދޔަ އަހަހަރު ފިނޭންސް މިނިސްޓްރީގެ އިތުރުން އެހެން 4 އިދަރާއަކުން އެދުނު ޤާނޫނީ ލަފާވެސް އޭޖީ އޮފީހުންވަނީ ދެއްވާފައެވެ.

އެގޮތުން ފޮރިން މިނިސްޓްރީން އެދުނު 104 މައްސަލައަކަށް ވަނީ ޤަނޫނީ ލަފާ ދެއްވާފައެވެ. ހެލްތު މިނިސްޓްރީން އެދުނު 65 ކަމަކާ ގުޅޭ ގޮތުން ލަފާ ދެއްވިއިރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް 69 ލަފާ އަދި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއަށް 73 ކަމަކާ ގުޅޭ ގޮތުން ވަނީ ޤާނޫނީ ލަފާދެއްވާފައެވެ.

އެޓަރނީ ޖެނަރަލްގެ މަޤާމާ އިބްރާހީމް ރިފްއަތު ޙަވާލުވެވަޑައިގެންނެވިފަހުން، އެމަނިކުފާނު ގެންދަވަނީ އެ އޮފީހުން ދެއްވަމުންދާ ޤާނޫނީ ލަފާތަކާއި ދައުވާކުރާ މައްސަލަތަކާއި ދައުވާ ލިބޭ މައްސަލަތަކުގެ ތަފާސްހިސާބު އާންމު ކުރައްވަމުންނެވެ. ޢާންމު މަސްލަހަތާ ގުޅުންހުރި ބޮޑެތި މައްސަލަތަކުގައި ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ގެންދަވަނީ ތަފްސީލުކޮށް، އެ މަޢުލޫމާތު އާންމު ކުރައްވަމުންނެވެ.