ރާއްޖެއިން އިތުރު 161 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 95،000 އިން މަތީގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ކޯވިޑަށް ޕޮޒިޓިވްވި 161 މީހުންގެ ތެރެއިން 41 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 40 މީހުންނެވެ. އަދި ރިސޯޓްތަކުން 80 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ.
އަލަށް ކޯވިޑް ޖެހުނު މީހުންނާއެކު ބަލީގައި ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ އިތުރުވާން ފަށާފައެވެ. މިވަގުތު 2،463 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 13 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. މިދިޔަ 24 ގަޑިއިރު 79 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 93،314 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،209 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 262 މީހަކު ވަނީ ނިޔާވެފައެވެ.
ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.