ޚަބަރު

"ކޯވިޑްގެ ހާލަތާއެކުވެސް މިދިޔަ އަހަރު ސިވިލް ކޯޓުން 4600އަށްވުރެ ގިނަ މައްސަލަ ނިންމި"


ނިމިދިޔަ 2021ވަނަ އަހަރު ސިވިލް ކޯޓަށް ހުށައެޅި މައްސަލަތަކާއި އެއްމިންވަރަކަށް އަހަރު ނިމުނު އިރު އެކޯޓުން މައްސަލަތައް ބަލައި ނިންމާލައިފިއެވެ.

"ސިވިލްކޯޓުގެ ތުޅުދަނޑި" ރިޕޯޓުގައިވާގޮތުން ނިމުނު 2121ވަނަ އަހަރު ފެށުނުއިރު ސިވިލް ކޯޓުގައި ނުނިމިހުރި 2756 މައްސަލައާއެކު މިދިޔަ އަހަރު އެކޯޓަށް 4614 މައްސަލަވަނީ ހުށަހަޅާފައެވެ.

ނިމިގެންދިޔަ 2021ވަނަ އަހަރަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ނުތަނަވަސްކަމެއްގެ ތެރޭގައި ދަޢުލަތުގެ ޢާންމު އިދާރާތައް އާންމުކޮށް ހުޅުވާލައި ހާލަތާ ގުޅޭގޮތުން މަދު މުވައްޒަފުންގެ މައްޗަށް އޮންލައިން ނިޒާމެއްގެ ތެރެއިން ޝަރީޢަތްތަކާއި އިދާރީ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރަންޖެހުނު އަހަރަކަށްވުމާއެކުވެސް އަހަރު ނިމުނުއިރު އެކޯޓުންވަނީ 4643 މައްސަލަ ބަލައި ނިންމާފައެވެ. މިއާއެކު މިފެށުނު 2022 ވަނަ އަހަރު ފެށުނުއިރު އެކޯޓުގައި ނުނިމިހުރީ 2729 މައްސަލައެވެ. މިއަދަދުތަކަށް ބަލާއިރު، 2020 ވަނަ އަހަރުގެ ނިޔަލަށް ސިވިލްކޯޓުގައި ނުނިމި ހުރި މައްސަލަތަކަށްވުރެ 2021ވަނަ އަހަރުގެ ނިޔަލަށް ނުނިމިހުރި މައްސަލަތައް ކޮންމެވެސް މިންވަރަކަށް މަދުކަން ފާހަގަވެއެވެ.

ސިވިލް ކޯޓަށް ހުށައެޅޭ މައްސަލަތައް ޝަރީޢަތުން ބޭރުގައި ޙައްލުކުރެއްވުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްޓަކައި ޤާއިމްކުރައްވާފައިވާ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގައި 2020 ނުނިމި ބާކީ 236 މައްސަލައޮތްއިރު، 2021ވަނަ އަހަރު އެ ޑިވިޜަނަށް ހުށަހެޅީ 3299 މައްސަލައެވެ. އަދި މިދިޔަ އަހަރު އެޑިވިޜަނަށް ހުށައެޅުނު މައްސަލަތަކުގެ %66.90 ވަނީ ޙައްލުކޮށްފައެވެ.

ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޜަންގައި 2020 ވަނަ އަހަރު ނިމުނުއިރު ނުނިމިހުރި 84 މައްސަލައާއެކު މިދިޔަ 2021 ވަނަ އަހަރު ހުށަހެޅި 265 މައްސަލައިގެތެރެއިން 2021ވަނަ އަހަރު ނިމުނުއިރު، 274 މައްސަލައެއްވަނީ ނިންމާލާފައެވެ. އެހެންކަމުން ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޜަންގައި މިހާރު ނުނިމުހުރީ 75 މައްސައެވެ. 2021 ވަނަ އަހަރު ސިވިލްކޯޓުން 656 އެގްރީމެންޓެއް ރަޖިސްޓްރީކޮށް 370 ލިޔުންވަނީ ރަޖިސްޓްރީކޮށްފައެވެ.

ސިވިލްކޯޓުން ބެއްލެވި އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު އެކޯޓަށް 75،001،596.20 ރުފިޔާ، 2،739،055.14 ޔޫއެސް ޑޮލަރު، އަދި 13،500 ޔޫރޯ ބަލައިގެންފައިވެއެވެ. މީގެ އިތުރުން މިދިޔަ އަހަރު އެކޯޓުގައި ދަރަނީގެ ގޮތުގައި 251،815،547.90 ރުފިޔާއާއި، 7،059،381.84 ޑޮލަރު އަދި 17493 ޔޫރޯވެސް ހިމެނެއެވެ.

2021 ވަނަ އަހަރު ސިވިލްކޯޓަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 197 މައްސަލައެއް ބަލައިނުގަތުމަށް ރަޖިސްޓްރަވަނީ ނިންމަވާފައެވެ. އަދި 203 އިސްތިޢުނާފް ފޯމް މިދިޔަ އަހަރު އެކޯޓަށް ބަލައިގަތެވެ. މިދިޔަ އަހަރު ސިވިލްކޯޓުންވަނީ 3992 ކޯޓު ޢަމުރު ފޮނުވައި، އެކި މައްސަލަތާކައި ގުޅިގެން 1247 މެސެޖެއް ފޮނުވާފައެވެ. އަދި އެކި ޝަރީޢަތްތަކާއި ގުޅިގެން 3 ތަނެއްވަނީ އަގުކޮށްފައެވެ.

ސިވިލް ކޯޓަކީ ފެމެލީ ކޯޓުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ފިޔަވައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ރާއްޖޭގެ ސުޕީރިއާ ކޯޓެވެ.

2021 ވަނަ އަހަރަކީ ކޮވިޑް-19 ގެ ޙާލަތަކަށްވެފައި މަސައްކަތުގެ ދަތިކަމާއި އެމަސައްކަތް ކުރަންޖެހުނުގޮތުގެ މައްޗަށް މަސައްކަތަށް އައި ހީނަރުކަމުގެ ތެރެއިންވެސް ޙާޞިލުކުރެވުނު ނަތީޖާއާއެކު ސިވިކް ކޯޓުން ތިބީ 2021 ވަނަ އަހަރު ނިމުނުއިރު ނުނިމި ހުރި މައްސަލަތަކާއި މި އަހަރު ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ހީވާގިވެ، މަދަނީ އިޖުރާއަތަށް އަހުލުވެރިވުމާއެކު މިކަންކަން ފުރިހަމަކުރުމަށްޓަކައި ހިތްވަރާއެކު މަސައްކަތްކުރުމުގެ އަޒުމުގައެވެ.