ޚަބަރު

މޭރީގެ މަރު: ދިވެހި އަންހެންމީހާގެ ބަންދަށް އިތުރު 15 ދުވަސް


އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެހި އަންހެންމީހާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ދީފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ މޭރީ ގްރޭސް ނަމަކަށްކިޔާ ފިލިޕީންސަށް ނިސްބަތްވާ ނަރުސް މިދިޔަ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރުވުމާއި ގުޅިގެން އެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އޭނާގެ ފިރިމީހާ މާވިންއެވެ. އަދި މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި އަންހެނަކު ހައްޔަރުކުރީ މިދިޔަ ޑިސެންބަރު މަހުގެ 16ވަނަ ދުވަހުގައެވެ. އޭރު އޭނާގެ ބަންދަށް ޖަހައިދިން 15 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން އަނެއްކާވެސް ކޯޓުން މިވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން ސުވާލުއުފެދޭ ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. މޭރީ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އެންމެ ބޮޑަށް ޝަކުކުރެވެނީވެސް އޭނާގެ ފިރިމީހާއަށެވެ. އޭނާވެސް މަސައްކަތް ކުރަމުންދިޔައީ އައިޖީއެމް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައެވެ.

މަރުވެގެން އަންހެން މީހާ ހޮސްޕިޓަލަަށް ގެންދިޔައިީ، ޑިއުޓީގައި ހުރުމަށްފަހު ގެއަށް ބްރޭކަށް ދިޔަތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. ހޮސްޕިޓަލަށް އަންހެން މީހާގެ ހަށިގަނޑު ގެންދިޔަވަގުތުގަވެސް އޭނާގެ ފިރިމީހާގެ ކިބައިން އާދަޔާ ޚިލާފަ ކަންކަތައްތަކެއް ފާހަގަކުރެވުނުކަމަށް އެވަގުތު އެތާތިބި ބައެއް މީހުން ބުނެފައިވެއެވެ. މި މައްސަލަ އިތުރަށް ތަޙުޤީގުކުރުމަށް، އަންހެން މީހާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާ ޕޯސްޓްމޯޓަމްވެސް ހަދާފައިވެއެވެ. ޕޯސްޓްމޯޓަމަށްފަހު ފުލުހުން ބުނެފައިވަނީ އަންހެން މީހާ މަރުވެފައިވަނީ މީހަކުދިން އަނިޔާއަކުންކަން ހާމަވެފައިވާކަމަށެވެ.

ތަޙުގީގަށްފަހު އަންހެން މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރީ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުއެވެ.