ޚަބަރު

އިސްލާމީ ޔުނިވަރސިޓީން ޓީޗިންގގެ ޕީއެޗްޑީ ޕްރޮގްރާމެއް ފަށަނީ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިއަހަރު އެޑިއުކޭޝަން ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމެއް ފަށާނެކަމަށް އެޔުނިވަރސިޓީން ހާމަކުރައްވައިފިއެވެ.

އިސްލާމީ ޔުނިވަރސިޓީން މިހާރުވެސް ފިޤުޙު އަދި އުޞޫލުލް ފިޤުޙުގެ ދާއިރާއާ ޝާރީޢާ ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމްތަކެއް ކުރިއަށްގެންދެއެވެ. އެޔުނިވަރސިޓީން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރި ދަރިވަރުންވަނީ މިދިޔަ އޮކްޓޫބަރު މަހު ގްރެޖްއޭޓްވެފައެވެ.

އަލަށް ފަށާ ކޯސްތަކާ ގުޅޭގޮތުން އިސްލާމީ ޔުނިވަރސިޓީގެ ރަޖިސްޓްރަރ އަޙްމަދު ރައޫފް އަބްދުﷲ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވިދާޅުވީ، މިހާރު ކުރިއަށްގެންދާ ޕީއެޗްޑީ ޕްރޮގްރާމްތަކަށްވެސް ރަނގަޅު ތަރުހީބެއް ލިބޭކަމަށާ، ޕްރޮގްރާމްގައި ބައިވެރިވުމަށްވެސް ގިނަ ބަޔަކު އެދެމުންދާކަމަށެވެ.

އެއްފަހަރާ ގިނަ ދަރިވަރުން ޕީއެޗްޑީ ޕްރޮގްރާމްގައި ބައިވެރިވިނަމަވެސް ދަރިވަރުންގެ ކިޔެވުމުގެ ބައި ނިމި ރިސަރޗް މަސައްކަތް ކުރިއަށް ގެންދާއިރު އެކަށީގެންވާވަރަށް ސުޕަވައިޒަރުން ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމަށާ، މިހާރު ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ސްޕްވައިޒަރުން ހަމަޖައްސަނީ ރާއްޖެއިން ބޭރުންކަމަށް ރަޖިސްޓްރަރ ވިދާޅުވިއެވެ. އަދި މިހާރުވެސް ޕީއެޗްޑީ ޕްރޮގްރާމްގައި 22 ދަރިވަރުންތިބިކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ކުރިއަށް މިގެންދާ ފިޤުޙު އެންޑް އުޞޫލުލް ފިޤުޙު ދާއިރާއާ ޝާރީޢާ ދާއިރާގެ ޕްރޮގްރާމްތަކެއް މިކުރިއަށްގެންދަނީ އެހެންވީމާ އެދާއިރާގެ ސްޕަވައިޒަރުން ރާއްޖޭގައި ވަރަށް މަދު، އެންމެ ފަހުން ނިންމި 3 ދަރިވަރުންނަށްވެސް ސުޕަވައިޒަރުން ހޯދީ ރާއްޖެއިން ބޭރުން" އަޙްމަދު ރައޫފް ޢަބްދުﷲ ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ ނިސްބަތުން ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުން އެންމެ ގިނަ ތަޢުލީމީ އިދާރާއަށްވާނެކަމަށާ، އެހެންކަމުން އެޔުނިވަރސިޓީން މިހާރު މަސައްކަތް ކުރަމުންދަނީ އެޑިއުކޭޝަން ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމެއް ފެށުމަށްކަމަށް ރައޫފް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކޮއްލަން މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެޑިއުކޭޝަން ދާއިރާގެ ޕީއެޗްޑީ ޕްރޮގްރާމެއް ފެށިގެންދާނެ. މަސައްކަތްކުރަނީ ދެން ފަށާ ސެމިސްޓަރގައިވެސް އެދާއިރާއިން ޕީއެޗްޑީ ޕްރޮގްރާމް ފަށަން" ރަޖިސްޓްރަރ ވިދާޅުވިއެވެ.

މި ފެށުނު 2022ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކޯސްތަކަށް ވަނުމަށް އައިޔޫއެމުން ފުުރުޞަތު ހުޅުވާލާފައިވާއިރު، މިއީ މާސްޓާސް ލެވަލްއިން ފެށިގެން ސެޓްފިކެޓް ލެވަލްގެ ޖުމަލް 59 ކޯހެވެ. މީގެ ތެރޭގައި މާސްޓަރސް ލެވަލްގެ 13 ކޯހަކާއި، ޑިގްރީ ލެވަލްގެ 9 ޕްރޮގްރާމެއް ހިމެނެއެވެ.

މީގެ އިތުރު މިހާރު ރާއްޖެއަށް މުހިންމު ދާއިރާތައްކަމުގައިވާ، އިސްލާމިކް ސްޓަޑީޒް، މާސްޓަރ އޮފް ޓީޗިން އެންޑް ލަރނިންގ، އިސްލާމިކް އެޑިއުކޭޝަން އަދި މާސްޓަރސްއޮފް ޓީޗިންގ އެންޑް ލަރނިންގ ޤުރުއާން މިދާއިރާތަކުންވެސް އަންނަ ސެމިސްޓަރގައި މުޅިން އައު ކޯސްތައް ފެށިގެންދާނެއެވެ.

އަދި މެލޭޝިޔާގެ އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑއިުކޭޝާން އިން އިސްލާމިކް ފައިނޭންސް (އިންސިފް)އާ ގުޅިގެން އިސްލާމިކް ފައިނޭންސިންގެ ޕްރޮގްރާމްތަކެއް މާޗްމަހު ފަށަން ތައްޔާރުވަމުންދާކަމަށް އައިޔޫއެމްއިން މަޢުލޫމާތުދެއްވިއެވެ.