ޚަބަރު

ކޮންމެ ޤަައުމަކުންވެސް ރާއްޖެ އަންނަ ފުރަތަމަ ފަތުރުވެރިޔާ ފާހަގަކުރަނީ


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކޮންމެ ޤައުމަކުންވެސް މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރާ އެންމެ ފުރަތަަަމަ ފަތުރުވެރިޔާއަށް ދަނީ ފާހަގަކުރަމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ޓޫރިޒަމް މިނިސްޓްރީން ވަރަށް ކުލަގަދަގޮތެއްގައި އަންނަނީ ފާހަގަކުރަމުންނެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ޒިޔާރާތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާކިއުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ބާއްވައެވެ. އޭގެއިތުރުން މިއަހަރު ކޮންމެ ޤައުމަކުން ރާއްޖެ އަންނަ އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާކިޔައި އެކަންވެސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިހާތަނަށް 9 ޤައުމަކުން ރާއްޖެއައި ފުރަތަމަ ފަތުރުވެރިޔާ ވަނީ ފާހަގަކޮށްފައެވެ. އެއީ އިޓަލީ، ސްޕެއިން، ޖަރުމަނު، އިންޑިއާ، ފްރާންސް، ރަޝިޔާ، ސައުދީ އަރަބިއްޔާ، ޔުކްރެއިން އަދި ޔުނައިޓެޑް ސްޓޭޓްސްއެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ، މި އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމުގެ ގޮތުން މި އަހަރަށް ޚާއްޞަކޮށްފައިވާ ލޯގޯ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ރަމްޒުވާ ސިފަތައް ހިމަނައިގެން ފަރުމާކޮށްފައިވާ ލޯގޯއެކެވެ. ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި މި ލޯގޯ ބޭނުންކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖެއިން ބޭރުގައި މި ލޯގޯ ބޭނުންކުރާނީ އިނގިރޭސިބަހުންނެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. މިދުވަސް ކަނޑައަޅާފައިވަނީ ރާޢްޖޭގައި ފުރަތަމަ ރިސޯޓު ހުޅުވި ދުވަހަށް ނިސްބަތްކޮށްފައެވެ. މީގެ ކުރިން ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރު ފާހަގަކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ނިމިދިޔަ އަހަރު ވަނީ ޚާއްސަ ކައުންޓްޑައުންއެއް ވެސް ފަށާފައެވެ. އެ ކައުންޓްޑައުންގައި ފަތުރުވެރިކަމުގެ ސިނާޢަތް ރާއްޖެއަށް ތަޢާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ އުޅުއްވި ބޭފުޅުންނާއި އެ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުންގެ ވީޑިއޯ މެސެޖުތައް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވަނީ ގެނެސްދީފައެވެ.