ކުޅިވަރު

ފަހު ވަގުތު ޖެހި ލަނޑުން ޓޮޓްނަމް މެޗު ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ވަޓްފޯޑް ބައްދަލުކުރިމެޗްގައި އެންމެފަހު ވަގުތު ޓޮޓްނަމުން ޖެހި ލަނޑާއެކު މެޗް ކާމިޔާބުކޮށްފިއެވެ. ވޮޓްފަޑްގެ ވިކަރޭޖް ރޯޑްގައި ކުޅުނު މިމެޗް ޓޮޓްނަމުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޓޮޓްނަމުންނެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގެ ހަވަނަ މިނެޓްގައި ޓޮޓްނަމްގެ ސޮން ހިއުންގ މިން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރ ޑެވިންސަން ސަންޗޭޒްއެވެ. މިމެޗްގެ ކުރިން އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކުރީވެސް މެޗްގެ އިތުރު ވަގުތު ކާމިޔާބުކުރި ލަނޑަކުންނެވެ. ވަޓްފޯޑްގެ ކީޕަރ ޑެނިއަލް ބުޗްމަން ވަނީ ދެވަނަ ހާފްގައި ސޮން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފައެވެ. އަދި ހަމައެއާއެކު ޓޮޓްނަމްގެ ކީޕަރ ހޫގޯ ލޮރިސް ވެސް ވަނީ ޖޯޝުއާ ކިންގ ފޮނުވާލި އެހާމެ ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފައެވެ. މިމެޗް ނިމެން އުޅެނިކޮށް ކުޅިބެލުންތެރިންގެ ތެރެއިން މީހަކަށް އެމަރޖެންސީއެއް ދިމާވެ ކުޅުން ވަގުތު ކޮޅަކަށް މެދު ކަނޑާލަން ޖެހުނެވެ. އަދި މިކަމުގެ ސަބަބުން އަށް މިނެޓް ވަނީ އިތުރު ވަގުތުގެ ގޮތުގައި ކުޅެފައެވެ.

މިކާމިޔާބީއާއެކު ޓޮޓްނަމް މިހާރުވަނީ ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އާސެނަލް އާއި ދެޕޮއިންޓަށް ގާތް ކޮށްފައެވެ. އަދި ޓޮޓްނަމް ނުކުޅެ ދެމެޗް އޮތުމުން އެދެމެޗް ކާމިޔާބުކޮށްފި ނަމަ ޓޮޓްނަމް އާސެނަލްއަށްވުރެ ކުރިއަށް އަރާނެއެވެ. ޓޮޓްނަމަށް މިހާރު ލިބިފައިވަނީ 18 މެޗުން 33 ޕޮއިންޓެވެ. އަދި މިމެޗުން ބަލިވުމާއެކު ވަޓްފޯޑް އުޅެނީ 18 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.