ޚަބަރު

ހޯމްސްޓޭ ދިއްގަރަށް ތައާރަފްކުރެވުނީ މެހެމާންދާރީއާއި ތަޖުރިބާގެ ބޮޑުކަމުން


ފަތުރުވެރިކަމުގެ އައު ކޮންސެޕްޓް "ހޯމް ސްޓޭ" ފަށާނެ ރަށަކަށް މ.ދިއްގަރު ހޮވުނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިއްގަރުގެ ވަރަށް ގިނަ ޒުވާނުން އެކަމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކޮށްގެންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "ހޯމް ސްޓޭ" ކޮންސެޕްޓު ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށައި މީހުން ދިރިއުޅޭ ގެތަށް އެކަމަށް ހުޅުވާލުމަށް މ.ދިއްގަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލާ ދިމާކޮށް ރާއްޖޭގައި މުޅި އަލަށް ހޯމް ސްޓޭ ތަޢާރަފްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިންނަށް މަރުޙަބާކިޔުމާއި މެހެމާންދާރީ ރަނގަޅަށް އަދާކުރެވެނީ އެއީ ހިތުގެ އަޑިން ކުރެވޭކަމަކަށްވުމުން ކަމަށެވެ. އަދި އިންވެސްޓަރުން ހޯދައި ކިތަންމެ ބައިވަރު ގެސްޓްހައުސްއެއް ހެދުނުނަމަވެސް ފަތުރުވެރިންގެ ހިތްތަކުން ޖާގަހޯދޭނީ އެފަދަ މެހުމާންދާރީއެއް އަދާކުރެވިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިއްގަރުން ޙައިރާން ކުރުވާފަދަ ދަރަޖައެއްގައި އަބަދުވެސް އެފަދަ މެހެމާންދާރީ ފެނިވަޑައިގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިއްގަރަށް މިފުރުސަތު އެންމެ ފުރަތަމަ ލިބުނު މައިގަނޑު ސަބަބަކީ ރަށުގެ ޒުވާނުން އެންމެ ގިނަ ޢަދަދަކަށް މަސައްކަތްކުރަމުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާގައިކަމަށްވެފައި އެފަރާތްތަކާއި ކައުންސިލް ގުޅިގެން ކުރި ބުރަމަސައްކަތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ފެނިގެންދާނެ ކާމިޔާބު ކޮންސެޕްޓަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭ ރަށަށް ޢާމްދަނީވަދެ ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުވާ ބޭރުފައިސާ ހިފަހައްޓަން ލިބޭ ފުރުސަތެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައެވެ.