ކުޅިވަރު

ޓީމު އިވެލުއޭޓް ކޮށް ނިމިއްޖެ: ކޮންޓޭ


އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އިވެލުވޭޓް ކޮށް ނިމިއްޖެ ކަމަށާއި ކްލަބާއެކު އިތުރަށް ބޭނުންވާ ކުޅުންތެރިންނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ތައްޔާރުވެފައިވާކަމަށް އެޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޓޮޓްނަމްގެ ކޯޗުކަމާއި ކޮންޓޭ ހަވާލުވިފަހުން މިހާތަނަށް ޕްރިމިއަރ ލީގުގައި ކުޅުނު ހަތް މެޗުންވެސް ބަލިވެފައެއް ނުވެއެވެ.

ކޮންޓޭ ބުނީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ކުޅުންތެރިންނާއެކު ހޭދަކުރި ދުވަސްކޮޅަށްފަހު މިހާރު ރަނގަޅަށް ޓީމު އެނގިއްޖެކަމަށެވެ. އަދި މިގޮތުން އޭނާއަށް އިތުބާރު ކުރެވޭ ކުޅުންތެރިންނާއި އިތުރަށް ބޭނުންވާ ކުޅުންތެރިން ވެސް ދަނެގެނެވިއްޖެކަމަށެވެ. އެހެންކަމުން މިހާރު މަޑުކުރަނީ އޭނާ ހެދި އިވެލުވޭޝަންގެ ތަފްސީލް ކްލަބްގެ އިސްވެރިންނާ ހިއްސާ ކުރާ ބައްދަލުވުމަށް ކަމަށެވެ. އެބައްދަލުވުމުގައި މިހާރު އޮތް ޓީމް ފެންނަ ގޮތާއި ޓީމް ވަރުގަދަ ކުރުމަށް ގެންނަންޖެހޭ ބަދަލުތަކާބެހޭގޮތުން އޭނާއަށް ފެންނަގޮތް ހިއްސާ ކުރާނެ ކަމަށެވެ. އަދި މިސީޒަނަށްފަހު ޓީމުގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް ކްލަބުގައި މަޑު ކުރާނެކަމަށް އޭނާ ގަބޫލް ކުރާ ކަމަށާއި ކްލަބާއި ލޮރިސްގެ މެދުގައި އެއްބަސް ވުމަކަށް އާދެވޭނެކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި ހޫގޯ ޓޮޓްނަމްގައި މަޑުކުރަން ބޭނުންވާކަން އެނގޭކަމަށްވެސް ކޮންޓޭ ހާމަކުރިއެވެ. އަދި ޓްރާންސްފަރގެ ކަންތައްތަކާއި ގުޅެގޮތުން ވާހަކަ ދެއްކުން އެންމެ ރަނގަޅުވާނީ އޭނާ އާއި ކްލަބް ގުޅިގެން ބާއްވާ ބައްދަލުވުމަށްފަހު ބޭއްވޭ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށްވެސް ކޮންޓޭ ބުންޏެވެ.