ކުޅިވަރު

ފާއިތުވި އަހަރު ޗެލްސީއަށް 145.6 މިލިއަން ޕައުންޑްގެ ގެއްލުންވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީއަށް ވޭތިވެދިޔަ އަހަރު ދުވަހުގެ ތެރޭގައި 145.6 މިލިއަން ޕައުންޑް ގެއްލުން ވެފައިވާކަމަށް އެކްލަބުން ހާމަކޮށްފިއެވެ. އެކްލަބުން ހާމަކުރިގޮތުގައި މިއީ ޓެކްސް ޓެކްސަސް ކެނޑުމަށްފަހު ގެއްލުންވި ވަރު ކަމަށެވެ.

ޗެލްސީން މިދިޔަ ސީޒަންގައިވަނީ ތޯމަސް ޓުޗެލްގެ ކޯޗްކަމުގެ ދަށުން ޔުއޭފާ ޗެމްޕިއަންސް ލިގު ކާމިޔާބުކޮށްފައެވެ. އަދި މިއާއެކު އެކްލަބަށް ލިބުނު ވަރު 387.8 މިލިއަން ޕައުންޑުން 416.8 މިލިއަން ޕައުންޑަށް އިތުރުވިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެކްލަބަށް އިތުރުވި ބަޔަކީ ބްރޯޑްކާސްޓިންގ އިން ލިބިފައިވާ ފައިސާއެވެ. މިއާއެކުވެސް ޗެލްސީއިން ހާމަކުރިގޮތުގައި ކޯވިޑް-19 ގެ ސަބަބުން މެޗްތައް ކުޅިބެލުންތެރިންނާއި ނުލާ ކުޅެން ޖެހުމާއި ކުޅުންތެރިން ވިއްކުމުގައި ލިބުނު ފައިދާ ކުޑަކަމުން މިފަހަރު ގެއްލުންވީކަމަށެވެ. ޗެލްސީ އަށް އަންނަނީ އެކްލަބްގެ އޯނަރު ރޯމަން އަބްރަމޮވިޗްގެ ކުންފުންޏެއް ކަމަށްވާ ފޯޑްސްޓަމްއިން މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ކުރިއަށް އޮތްތާނގައިވެސް އެކުންފުނީގެ އެހީތެރިކަން އެކުލަބަށް ލިބެމުންދާނެކަމަށް ފޯޑްސްޓަމްއިން ހާމަކުރެއެވެ.

ޗެލްސީއިން ބުނެފައިވަނީ ޖޫން 30ގެ ފަހުން އެކްލަބުން ތިން ކުޅުންތެރިން 109.7 މިލިއަން ޕައުންޑަށް ގަނެފައިވާކަމަށެވެ. އެއީ ރޮމެލޫ ލުކާކޫ އާއި ގޯލް ކީޕަރ މާކަސް ބެޓިނެއްލީ އާއި ސައުލް ނިގުއޭޒެވެ. ހަމަ މިމުއްދަތުގެ ތެރޭގައި އެކްލަބުން ވަނީ 103.7 މިލިއަނަށް 13 ކުޅުންތެރިން ވިއްކާލާފައެވެ. އަދި ވިއްކާލި ކުޅުންތެރިން ދައްކާ ކުޅުމުގެ ސަބަބުން އިތުރު 16.4 މިލިއަން ޕައުންޑް ލިބުމުގެ ފުރުސަތު އޮތް ކަމަށްވެސް ޗެލްސިއިން ބުނެއެވެ.