ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރު ރިކޯޑް އަދަދެއް


މި އަހަރަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތް ދެއްކި އަހަރުކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. ގިނަ ބަޔަކު މުދަލު ޒަކާތް ދައްކާފައިވާކަން ފާހަގަކުރައްވާ އެކަމާ އުފާކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން މުދަލު ޒަކާތުގެ ގޮތުގައި 85 މިލިއަން ރުފިޔާ ދައްކާފައިވާކަމަށެވެ.

މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ އެންމެ ފަހުން އާއްމުކޮށްފައިވާ އަދަދަކީ 6878.20 ރުފިޔާއެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ.

ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. މުދަލު ޒަކާތް މިހާރު ބަލައިގަންނަމުން ގެންދަނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީން އަލުން ރަޖިސްޓްރީވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމަށްވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާކަށް ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

1442 ވަނަ އަހަރު މާލެ ސިޓީގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 1520 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ.