ޚަބަރު

ޓެކްސީން އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑަކަށްވެސް އަރުޝަދު


ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގެ ތަފްސީލާއި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއޮޕަރޭޝަނުގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެދެމީހުންނަކީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) ކަމަށެވެ. އެދެމީހުން ހައްޔަރުކޮށް ޓެކްސީ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މި މައްސަލައިގެ ތަހުގީގުން ހޯދިހޯދުންތަކުން އެޓެކްސީން ފެނިފައިވާ ތަކެއްޗަކީ މިމަހުގެ 12ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށް ކިޔާ ލޯންޗުން މާލެއަށް އެރުވި މަސްތުވާތަކެތިކަމަށް ދެނެގަނެވިފައިވެއެވެ. މިތަކެތި ލޯންޗަށް އަރުވާފައިވަނީ ދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އާއި ގދ. ހޯނޑެއްދޫ ދޯދި، މުޙައްމަދު އަކްރަމް ޢަބްދުލްހަންނާން (31 އ) އާއި ގދ. ހޯނޑެއްދޫ އަލޯރާ، އަޙްމަދު މުޖާހިދު (29އ) ކަމަށްވެސްވަނީ އެނގިފައެވެ. އަދި އެފަރާތްތަކާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން 5 ރަބަރު ޕެކެޓް ހޯދާފައިވެއެވެ.

މީގެއިތުރުން ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ޙާލިދު (26އ) އެތިން މީހުންނާ ބައްދަލުކޮށް މިކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދު އާއި މުޙައްމަދު އަކްރަމް ޢަބްދުލްހަންނާން ވަނީ މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައެވެ. އަރުޝަދު ޚާލިދަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަރުޝަދަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 9 ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ އަހަރުވެސް ފުލުހުން ހައްޔަރު ކުރި މީހެކެވެ.

މި މައްސަލައިގަ ތުހުމަތުކުރެވޭ އަޙްމަދު ސުނައިން އާއި އަލީ ޒުބެއިރު އަކީވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވިގެން 2020 ޖެނުއަރީ 30 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާއި ގުޅިގެން 2021 ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫކޮށްފައިވާ ދެމީހުންނެވެ.