މުނިފޫހިފިލުވުން

އާ އަހަރުގެ ޝޯއަށް ލަވަކިޔުންތެރިޔާ އަންކިތު ރާއްޖެ އަތުވެއްޖެ


ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ރާއްޖެއަތުވެއްޖެއެވެ. އަންކިތު ރާއްޖެއައިސްފައިވަނީ އައުއަހަރު ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ޚާއްސަ މިއުޒިކް ޝޯވގައި ބައިވެރިވުމަށް އެމިނިސްޓްރީގެ ދަޢުވަތަކަށެވެ.

އަންކިތު ތިވާރީ ރާއްޖެއައުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އޭނާއަށް މަރުޙަބާ ވިދާޅުވެފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ޙުސައިން އިސްމާޢީލެވެ. ވީ.އައި.އޭގައި ޕީ.އެސް.އެމް ނިއުސްއަށް ދިން ޚާއްސަ އިންޓަރވިއުއެއްގައި އަންކިތު ބުނީ މިއީ އޭނާ ރާއްޖެއަށް އައި ފުރަތަމަ ފަހަރުކަމަށެވެ. އަދި އައު އަހަރު ފާހަގަކުރުމަށް ބާއްވާ ޚާއްސަ ޝޯވގައި ޕަރފޯމްކުރުމުގެ ދަޢުވަތު އޭނާއަށް ދިނީތީ، އެކަމާ ވަރަށް އުފާކުރާކަމަށް އަންކިތު ބުންޏެވެ.

"ވަރަށް އުފާވެއްޖެ މިފުރުޞަތު ލިބުނީމަ. މިއީ ރާއްޖެއަށް އާދެވުނު ފުރަތަމަ ފަހަރު. މުޅި ޓީމުވެސް ތިބީ ވަރަށް އުފަލުން ރާއްޖޭގައި ޕަރފޯމްކޮށްލަން ލިބުނީމަ. އައު އަހަރުގެ ޝޯވއަށް އެންމެންވެސް މި އިންތިޒާރުކުރަނީ" އަންކިތު ބުންޏެވެ.

"މަރުޙަބާވީސް"ގެ ނަމުގައި އައު އަހަރު ފާހަގަކުރުމަށް ބާއްވާ މި މިއުޒިކް ޝޯވގައި އަންކިތުގެ ތަފާތު ހިތްގައިމު ތަފާތު ހުށަހެޅުންތަކެއް ފެނިގެންދާނެކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިއީ އޭނާ ރާއްޖޭގައި ޕަރފޯމްކުރާ ފުރަތަމަ ފަހަރުކަމުން، މި ޝޯވއާމެދު ވަރަށް އިންތިޒާރުކުރެވޭ ކަމަށްވެސް އަންކިތު ބުނެފައިވެއެވެ.

2010ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ލަވަކިޔުންތެރިޔާ އަންކިތު ތިވާރީއަކީ ލޯބީގެ މަޑުމައިތިރި ލަވަތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އާޓިސްޓެކެވެ.

އަންކިތުގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 2013ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "އާޝިގީ-2" އާއި، 2014ވަނަ އަހަރު ރިލީޒްކުރި ފިލްމް "އޭކް ވިލަން" އަދި 2016ވަނަ ރިލީޒްކުރި "ސަނަމް ތޭރީ ކަސަމް"އަށް އޭނާ ކިޔާދީފައިވާ ލަވަތަށް ހިމެނެއެވެ. އެގޮތުން "ސުން ރަހާ ހޭ"، "ގަލިޔާ" އަދި "ސަނަމް ތޭރީ ކަސަމް" ފަދަ ލަވަތަކަކީ މިހާރުވެސް އާއްމުންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލަވަތަކެކެވެ.

އައު އަހަރަށް މަރުޙަބާ ކިޔަން ބާއްވާ މިމިއުޒިކް ޝޯވއާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލް ވިދާޅުވީ، ޝޯވ ބޭއްވުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. މި ޝޯވގައި އެންމެ ޚާއްސަ ކަމެއްގެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގާ ބައެއް ހަރަކާތްތަކާއި، އަދި ހަވާ އެރުވުންވެސް އޮންނާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މިޝޯވގައި އެބައުޅޭ މައިގަނޑު 3 ކަމެއް. އެއީ މި ޝޯވގެ ތެރޭގައި ޓޫރިޒަމަށް 50 އަހަރު ފުރުމުގެ ލޯންޗިން އެބައޮތް. އޭގެ އިތުރުން ކުއީންސް ބެޓަންގެ ރިލޭ ރިސީވްކުރުންވެސް ހިމެނޭނެ. ޝޯވގެ އެންމެފަހު ތައްޔާރީތަކުގެ ތެރެއިން މިހާރު ސްޓޭޖުގެ މަސައްކަތްވެސް ނިމި ލައިޓާއި ސައުންޑުގެ ކަންކަން ކުރިއަށްދަނީ. ޝޯވގައި ބޮޑުބެރާއި ލޯކަލް އާޓިސްޓުންގެ ހުށަހެޅުންވެސް ފެނިގެންދާނެ. އަދި ހަވާ އެރުވުންވެސް އެބައޮތް" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"މަރުޙަބާވީސް" މި ޝޯވ އޮންނާނީ މާދަމާރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ. ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކާގުޅިގެން ކުރިއަށްގެންދާ މި ޝޯވ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9 ޖަހާއިރުއެވެ. މި ޝޯވއަކީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝޯވއެއްކަމުން، ޝޯވއަށް ވަނުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.