ޚަބަރު

އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


މީލާދީ އައު އަހަރުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލަގައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ.އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ނިމިގެން މިދިޔަ 2015 ވަނަ އަހަރު ވެގެންދިޔައީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއި އެކަލާނގެ އިރާދަފުޅާއެކު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އުފާފާގަތި އަހަރަކަށް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިއީ ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދިޔަ އަހަރެއްކަމަށާ، ރާއްޖޭގެ ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމުގައެވެ. އަދި ވޭތުވެދިޔަ އަހަރަކީ އިޤްތިޞާދީ ގޮތުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރެއްކަމަށް މިމެސްޖްގައި ވިދާޅުވެފައިވެއެވެ. ރައީސްގެ މެސެޖްގައި، 2016 ވަނަ އަހަރާ ރައްޔިތުން މި ބައްދަލުކުރަނީ 2015 ވަނަ އަހަރު ޙާސިލުކުރި ކާމިޔާބީތައް ރަމްޒީގޮތުން ކުރިމަގަށް ވާސިލުކޮށްދޭނެ މުހިންމު ބިނާއެއްގެ ޢަމަލީ މަސައްކަތް ފެށިގެންދިޔަ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިއީ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ހިންގޭ އެންމެ މުހިންމު އެއް މަޝްރޫޢު ކަމަށްވާ، މާލެއާއި ހުޅުލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަޝްރޫޢު އިފްތިތާޙު ކުރެވި، އެމަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ އުފާ ޙިއްޞާކުރަމުންދާ ވަގުތު ކަންވެސް ޚައްޞަ ގޮތެއްގައި ފާހަގަ ކުރައްވާފައިވެއެވެ.ދައުލަތުގެ ބަޖެޓާބެހޭ ގޮތުން އެމަނިކުފާނުގެ މެސެޖްގައި ވިދާލުވެފައިވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީވެސް، މުޅި ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުންތަކަށް އެތައް މަގުތަކެއް ފަހިކޮށްދޭނެ ބަޖެޓެއްކަން ފާހަގަކުރެވޭކަމަށެވެ. މި ބަޖެޓުގެ ސަބަބުން މި ވޭތުވެދިޔަ އަހަރަށްވުރެ ގިނަ މުހިންމު ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ފެށިގެންދާނެކަމަށާ މިހާރު ފަށާފައިވާ ބައެއް މަޝްރޫޢުތައް ނިމި، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ލިބިގެންދާނެ އަހަރަކަށްވެސް މިއަހަރު ވެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. މި ފެށޭ އައު އަހަރަކީ، ރާއްޖެއަށް ޒިޔާރަތް ކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭ އަހަރުކަންފާހަގަކުރައްވައި ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއަށް ގެންދިޔުމަށްޓަކައި މުޅި އަހަރަށް ބަހާލައިގެން ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެކަމަށް ވިދާޅުވެފައިވެއެވެ.2016ވަނަ އަހަރަށް، ރާއްޖޭގެ ތަރައްޤީއަށްޓަކައި ރޭވިފައިވާ މަޝްރޫޢުތަކަށް އަލިއަޅުއްވާ ލައްވަމުން ރައީސްގެ މެސެޖްގައި، އަންނަ އަހަރަކީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ފެނިގެންދާނެ އަހަރަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2016 ވަނަ އަހަރަކީ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް، ޤައުމީ ތަރައްޤީގެ މަގުގައި އިތުރު ކުރިއެރުންތައް ޙާޞިލު ކުރެވޭނެ އަހަރަކަށް ވެގެންދާނެއަހަރެއްކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖްގައި ބަޔާން ކުރައްވާފައިވެއެވެ.