ޚަބަރު

ފޭސް 2ގެ ޕޮލިސް ސްޓޭޝަން ފެށޭ އަހަރު ކުރީީކޮޅު ހުޅުވަނީ


ހުޅުމާލޭ ފޭސް 2ގައި އަންނަ މި ފެށޭ އަހަރު ކުރީކޮޅު ޕޮލިސް ސްޓޭޝަނެއް ހުޅުވާ ޙިދުމަތް ދޭން ފަށާނެކަމަށް ދިވެހިންގެ ފުލުހުންގެ ޙިދުމަތުން ވިދާޅުވެއްޖެއެވެ. ފޭސް 2 ގައި ހިނގާ ކުށްތައް މަދުކުރުމަށް އެ ސަރަހައްދު ބެލެއްޓުމަށް ފުލުހުން މިހާރު ފޯރިމަރަމުން ގެންދާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހުޅުމާލޭ ފޭސް 2ގައި މީހުން އާބާދުވުމުގެ މަސައްކަތް ފެށުނު ފަހުން އެކި ޖިނާއީ ކުށްތައް އެ ސަރަހައްދުގައި ވަނީ އާއްމުވެފައެވެ. ފްލެޓްތައް އިމާރާތްކުރުމަށް ބޮޑު އަގުގައި ގަނެގެން ގެންދާ ތަކެތި ވަގަށް ނެގުމާއި ހުސްކޮށް ހުރި ފްލެޓްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާއި އެ ސަރައްހަދުގައި ބައެއް އަލިފާނުގެ ހާދިސާ ހިނގުން ފަދަ މައްސަލަތައް ފެންމަތިވާން ފެށިއެވެ. މިފަދަ ކުށްތައް ނުހުއްޓުވި ފިޔަވަޅު ނޭޅޭތީ، އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރި މީހުންގެ އިތުރުން އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިވެހިންގެ ފުލުހުންގެ ޙިދުމަތުން ބުނީ ހުޅުމާލޭ ފޭސް 2ގައި ކުށްމަދުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާ އެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. ފޭސް 2ގައި ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ގާތުން ފޯރުކޮށްދިނުމަށްޓަކައި އެ ސަރަހައްދުގައި ޕޮލިސް ސްޓޭޝަން އިމާރާތް އެޅުމުގެ މަސައްކަތް ފަށާ އެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މަސައްކަތް ނިންމާ މި ފެށޭ އަހަރުގެ ކުރީކޮޅު ޙިދުމަތް ދޭން ފެށޭވަރު ވާނެކަމަށްވެސް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއެވެ. މި ސްޓޭޝަނާއެކު، ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ގާތުން ފަހިވެގެންދާނެކަމަށާއި އެތަނަށް އެކަށީގެންވާ އަދަދަށް ފުލުހުންވެސް ހަމަޖެހިގެންދާނެކަމަށްވެސް ދިވެހި ފުލުހުންގެ ޙިދުމަތުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ފޭސް ދޭކުން ހުށައެޅުނު މައްސަލަތަކަށް ބަލާއިރު އެންމެ ގިނައެީ އެކްސިޑެންޓްތަކުގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތައް ކަމަށެވެ. މިގޮތުން އެކްސިޑެންޓް މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ މަގަށް ދޭންވާވަރަށް ދޭންޖެހޭ ސަމާލުކަން ނުދިނުމާއި ޤަވައިދާ ހިލާފަށް ޔޫ ޓާން ނެގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައްކަމަށެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް ދޭކުން ހުށަހެޅޭ މައްސަލަތައް މަދުކޮށް، އަމާން ރައްކާތެރި ތަނަކަށް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށް އެޗްޑީސީއާއި ގުޅިގެން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށެވެ. މިގޮތުން އެ ސަރަހައްދުގައި ނެއިބަރހުޑް އޮފިސަރުން ހަރަކާތްތެރިވާން ފެށުމާއި، ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމާ އަދި އެހެނިހެން ކުށްތައް ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުންދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ކުށްމަދުކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ފުލުހުން ފާހަގަކުރައްވައެވެ. މިގޮތުން މަސައްކަތް ކުރަމުންދާ ތަންތަނުން މަސައްކަތް ނިންމާފައި ދާއިރު، ގެންގުޅޭ ތަކެތި ރައްކާތެރިތަނެއްގައި ބެހެއްޓުމަށް ސަމާލުކަން ދިނުމާއި އެޕާޓްމަންޓަށް ގޮތްނޭނގޭ މީހުން ނުވެއްދުމާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގޭގައި އެކަނި ތިބޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސް ފުލުހުން ވަނީ ިއލްތިމާސްކުރައްވާފައެވެ.