ޚަބަރު

ޖިނާޢީ ޢަދުލުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާނެ- ރައީސް


ޖިނާޢީ ޢަދުލުގެ ކުރިމަތީގައި އެއްވެސް ރައްޔިތެއްގެ
މެދުގައި ތަފާތެއް ނޯންނާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.



ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކޮންޓްރެކްޓް އެގްރިމެންޓްގައި
ސޮއިކުރުމާއި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޤައުމަށް ބޭނުންވާ ހަމަޖެހުމާއި، ޤައުމަށް ބޭނުންވާ
ތަރައްޤީ އަންނައިރު، ޖިނާޢީ ޢަދުލަށް އިޙްތިރާމްކުރަން އެންމެންވެސް
ދަސްކުރަންޖެހޭނެކަމަށެވެ. އަދި ޖިނާއީ ޢަދުލުގެ ކުރިމަތީގައާއި، ޤާނޫނުތަކުގައި
ވަކި މީހެއްގެ މެދުގައި ތަފާތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަމިއްލަ ނަފްސުގެ މައްޗަށް އިޙްތިރާމްކުރެވޭނީ، ކޮންމެ
މީހަކީވެސް ޤާނޫނަށް ޙުރްމަތްތެރިކޮށް ހިތާ މީހަކަށް ވެގެންކަމަށެވެ.
ޤާނޫނުތަކުގައި ހުރިހާ ފަރާތްތަކުން ގަބޫލުކުރާ އުޞޫލުތައް ލިޔެވިފައިވާއިރު، އެ
ޤާނޫނުތަކަށް އިޙްތިރާމްކުރުމަކީ އެންމެންގެ މައްޗަށް ލާޒިމްކަމެއްކަމަށް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



އެކަކު އަނެކަކަށްކުރާ އިޙްތިރާމް އޮންނާނީ، އެންމެން
ޤަބޫލުކުރާ އުޞޫލުތަކަކަށް އިޙްތިރާމްކުރަން ދަސްވެގެންކަމުގައިވެސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުފައި ވިދާޅުވިއެވެ.