ކުޅިވަރު

ސްޕެއިންގެ ފޯވަޑް ޓޯރޭޒް ބާސެލޯނާއަށް


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ކުޅޭ ސްޕެއިންގެ ފޯވަޑް ފެރާން ޓޯރޭޒް ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާ އާއި ގުޅިއްޖެކަމަށް ބާރސާއިން ހާމަކޮށްފިއެވެ. ބާރސާއިން ހާމަކޮށްފައިވާގޮތުގައި ޓޯރޭޒް އެކްލަބަށް ސޮއިކޮށްފައިވަނީ 2027 ވަނައަހަރުގެ ޖޫންގެ ނިޔަލަށެވެ.

21 އަހަރުގެ ޓޯރޭޒް ބާރސާ އާއި ގުޅިފައިމިވަނީ ވެލެންސިއާއިން ސިޓީއަށް ބަދަލުވިތާ 18 މަސް ތެރޭ. މައުލޫމާތުލިބިފައިވާގޮތުގައި ޓޯރޭޒް ބާރސާއާއި ގުޅިފައިވަނީ 46 ޕޮއިންޓް 3 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި ސޮއިކުރި އެއްބަސްވުމުގައި ބައިއައުޓް ކްލައުސް އެއްގެގޮތުގައި އެއްބިލިއަން ޔޫރޯ ވަނީ ކަނޑައަޅާފައެވެ. މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އަންސޫ ފާޓީ އާއި ޕެޑްރީވެސް ވަނީ މިފަދަ އެއްބަސްވުމެއްގެ ދަށުން ބާރސާއާއެކު ހަދާފައިވާ އެއްބަސްވުންތައް އާކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ބާރސާއަށް އިތުރު އެހެން ކަންތައްތަކަށް ރިޔާއަތްކޮށް އަށެއް ޕޮއިންޓް ހަތަރެއް މިލިއަން ޕައުންޑް އިތުރަށް ދޭންޖެހޭނެއެވެ. އަދި ލަލީގާގެ ގަވައިދުގެ ތެރޭގައި ތިބުމަށްޓަކައި ބައެއް ކުޅުންތެރިން ވިއްކާލަންވެސް ޖެހޭނެއެވެ. ބާރސާގެ މިހާރުގެ ހާލަތާއެކު މިއެއްބަސްވުމަށް އާދެވުމަކީ ނާދިރު ކަމެއް ކަމަށް ހީވި ނަމަވެސް ވަރަށް ފަހުން އެކްލަބަށް ލިބިގެންދިޔަ ބޭންކް ލޯނުގެ ސަބަބުން މިޓްރާންސްފަރ ކުރިއަށް ގެންދެވޭގޮތް ވަނީ ވެފައެވެ. ޓޯރޭޒް ވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހު ސިޓީއާއި ގުޅުނު ފަހުން މިހާތަނަށް 43 މެޗް ކުޅެދީ 16 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ މިސީޒަންގައި ސިޓީ ކުޅުނު ފުރަތަމަ ހަމެޗްގައި ކުޅެފައެވެ. ނަމަވެސް ފަހުން ސްޕެއިން އަށް ކުޅެނިކޮށް ފައި ތިލައަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާއަށް ކުޅުމާ ދުރުގައި ހުންނަންޖެހުނެވެ. ބާރސާއިން ހާމަކުރިގޮތުގައި ޓޯރޭޒްގެ މެޑިކަލް ރިޕޯޓްތަކުން ދައްކާގޮތުގައި އޭނާއަށް ލިބިފައިވާ އަނިޔާއިން އަންނަނީ މަޑުމަޑުން ރަނގަޅު ވަމުންނެވެ. ނަމަވެސް އޭނާއަށް ބާރސާއަށް ކުޅެން ފެށޭވަރުވާނީ ކިހާތާކުކަމެއް ބުނެދޭން ނޭނގޭކަމަށްވެސް އެކްލަބުން ބުނެވެ.

ބާރސާއިން ޤަބޫލް ކުރާގޮތުގައި ޓޯރޭޒަކީ ފާޓީ އާއި ޕެޑްރީއާއެކު މުސްތަގްބަލުގައި ބާރސާ އަލުން ކުރިން އޮތް އުސްމިއްގަނޑަށް ގެންދެވޭނެ ހުނަރުވެރި ކުޅުންތެރިންތަކެކެވެ. ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާވެސް ވަނީ ޓޯރޭޒް ބާރސާއަށް ބަދަލުވާން އުޅޭކަން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައެވެ. ޓޯރޭޒް ބާރސާއަށް ބަދަލުވަނީ ފުރަތަމަ އެގާރައިން ގަވައިދުން ކުޅުމުގެ ފުރުސަތު ލިބިގެން ދާނެކަމުގެ ޔަގީންކަމާއެކުގައެވެ. ސިޓީގެ ކުރިއަށް ކުޅޭ ކުޅުންތެރިން ގިނަ ވެފައި ވާދަވެރިކަން ބޮޑު ނަމަވެސް ބާރސާގައި ފޯވަޑް ކުޅުންތެރިން މިވަގުތު ވަރަށް މަދެވެ.